ގޫގުލުން ސްމާޓްފޯން ޗިޕް އުފައްދަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ގޫގުލުން އަމިއްލައަށް މައިކްރޯޗިޕް އުފައްދަނީ އެކުންފުނީގެ ސްމާޓްފޯން ސިރިޒް، ޕިކްސެލް ބާރުގަދަކޮށް އަމިއްލަވަންތަ ކުރުމަށެވެ.
ގޫގުލުން އުފައްދާ ޗިޕްތަކަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން މަޝްވަރާކުރާތީ ގިނަ މައުލޫމާތުތަކެއް އަދި އާންމުވެފައެއް ނެތެވެ. އެހެންނަމަވެސް އެކުންފުނިން ބުނީ ކިޔާނެ ނަމެއް އޮތީ ހަމަޖައްސާފައި ކަމަށާއި އެެއީ ގޫގުލް ޓެންސާ ކަމަށެވެ.
ޕިކްސެލް ފޯނުތަކަށް ޚާއްސަކޮށްގެން އުފައްދާ ޗިޕްތަކާ ބެހޭ ގޮތުން ބުނާތީ އިވެނީ މިއަހަރު އޮކްޓޯބަރުގައި ނެރޭ ސްމާޓްފޯންތަކުގައި މިޗިޕްތައް ބޭނުންކުރެވޭނެ ކަމަށެވެ.
ގޫގުލުން ސްމާޓްފޯން ޗިޕްތައް އުފައްދަން ފެށުމުން ޗިޕް އުފައްދާ އެހެން ކުފުނިތަކަށް އޮތް އިތުބާރު ދޫކޮށްލާނެ އެވެ. އެގޮތުން ކުއަލްކޮމްގެ ސްނޭޕްޑްރޭގަން ޕްރޮސެސާތައް ދޫކޮށްލައި ބަދަލުގައި އަމިއްލަ ޗިޕްތައް ބޭނުންކުރަން ފަށާނެ އެވެ. އެހެންނަމަވެސް ކުއަލްކޮމްއިން ބުނީ ގޫގުލްއާ ވަރަށް ގާތުން މަސައްކަތްކުރާނެ ކަމަށާއި އެހީތެރިވެދޭނެ ކަމަށެވެ.
އެޕަލް އަކީ ވެސް ސްމާޓްފޯން ޗިޕް އުފައްދާ ކުންފުންޏެކެވެ. އެމީހުންގެ ޗިޕްތައް ބޭނުން ހިފަނީ އައިފޯނުތަކުގަ އެވެ. އެޕަލްއިން އުފައްދާ ޗިޕްތައް އެހެން ބަަޔަކު ބޭނުންކުރަން އަދި ހުއްދައެއް ނުދެ އެވެ.