ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތެއް މާދަމާ

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ.

ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައި ވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެދުވަހު ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދައުވާ ސާބިތު ކުރަން 86 ހެއްކެއް ވަނީ ހުށަޅާފަ އެވެ. ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އަހުމަދު ކްރިކް ރިޒާ ހިމެނެ އެވެ.

އެދުވަހު މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެފަރާތައް ވެސް ވަނީ 10 ދުވަހުގެ މުއްދަތު ދީފަ އެވެ. އެހެންކަމުން މާދަމާގެ އަޑުއެހުމުގައި އޮންނާނީ އެ ހުށަހެޅުންތަކާއި ގުޅޭގޮތުން ވާހަކަދައްކައި ގޮތެއް ނިންމުން ކަމަށް ބެލެވެ އެވެ.