އެމްއެންޑީއެފް

ބޯޓު ފުންކުރަން ލަންކާ އިން ޓަގެއް ގެންނަނީ

Aug 21, 2021

ކ. ރަސްފަރި ފަރަށް އަރާފައިވާ ކާގޯ ބޯޓުގެ ދިވެހި އެޖެންޓަކަށް "އެންޓާކް މޯލްޑިވްސް" ހަމަޖައްސައި ބޯޓުގެ ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަރަށް އެރި ބޯޓަކީ ގްރީސްގައި ހެޑްކުއާޓާޒް ހުންނަ ނަވިއޯސް މެރިޓައިމް ހޯލްޑިންގްސްގެ ބޯޓެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ އެ ބޯޓުގެ ދިވެހި އެޖެންޓަކަށް އެންޓާކް މޯލްޑިވްސް ހަމަޖައްސައި އެކަން ރަސްމީކޮށް އަންގާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ބޯޓު ފުންކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ސްރީލަންކާ އިން ޓަގު ބޯޓެއް އައުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޯސްޓްގާޑާ މަޝްވަރާކުރުމަށްފަހު،" އޮފިސަރު ވިދާޅުވި އެވެ.

ފަރަށް އަރާފައިވަނީ ކާގޯ ބޯޓެއް ނަމަވެސް އެ ވަގުތު ބޯޓުގައި މާގިނަ މުދާ ހުރި ކަމަކަށް ނުބެލެވެ އެވެ.

ކ. ރަސްފަރި ފަރަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ.

އީޕީއޭގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރު ވަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށާއި އަދި ފުން ކުރުމުގެ މަސައްކަތުގައި ވެސް އިތުރު ގެއްލުންތައް ލިބުމަކީ ވެދާނެ ކަމެއް ކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުން އެނގޭނީ ބޯޓު ފުންވުމަށް ފަހު ސާވޭއެއް ހެދުމުން ކަމަށްވެސް ވިދާޅުވި އެވެ.

"ބޯޓުގެ ވެރިފަރާތަށް އަޅަން ޖެހޭ ފިޔަވަޅު ފަހުން އަޅާނެ. އެ ފިޔަވަޅު އަޅަނީ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ހެދުމަށްފަހު،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.