ހަބަރު

ސްކޫލް ތަރައްގީއަށް މިއަހަރު 432 މިލިއަން ރުފިޔާ ހޭދަކުރި: މިނިސްޓަރު

ސްކޫލްތަކުގެ ޖާގައާ ވަސީލަތްތައް ތަރައްގީކުރަން 432 މިލިއަން ރުފިޔާ ސަރުކާރުން މިއަހަރު ހަރަދުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކުގެ މިއަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ، މިއަހަރަކީ ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބު ހޯދާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން ތައުލީމީ އާ މަންހަޖެއް އެކުލަވާލައި ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށް އާ މަންހަޖުގެ ދަށުން ކާމިޔާބުކަމާ އެކު ކިޔަވައިދީފައިވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ، މިއަހަރު އެ މިނިސްޓްރީން ކޮށްފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ކިޔެވުމަށް ދަށް ކުދިންނަށް ހުނަރާ މަސައްކަތުގެ ދާއިރާއިން ފުޅާ ދާއިރާއެއްގެ ތަމްރީންތަކެއް ދިނުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން މަދްރަސީ ތައުލީމުގެ ތެރެއަށް މަސައްކަތްތެރިކަމާ ހުނަރު ތައާރަފްކޮށް، މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށްދާން ބޭނުންވި ދަރިވަރުންނަށް އެ ފުރުސަތު ފުޅާ ދާއިރާއެއްގައި ހުޅުވާލި ކަމަށެވެ. ދަސްވާރު ޕްރޮގްރާމްގައި މިއަހަރު 1100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން އައިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް ބަލާއިރުވެސް މިއަހަރު ގިނަ ފުރުސަތުތަކެއް ސަރުކާރުން ހުޅުވައިލި ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 436 ދަރިވަރުން ވަނީ ސަރުކާރުގެ ހަރަދުގައި މަތީތައުލީމަށް ކިޔަވަން ފުރުސަތު ދީ، އިގްތިސޯދީ ދާއިރާއިން ތަމްރީން ހޯދަން 1600 އަށްވުރެ ގިނަ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވެސް އެކަމަނާ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ މަސައްކަތްތައް ވަނީ ދުވަހެއް ދުވަހަކަށް ފުޅާވެގެން ގޮސްފައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ދަރުވަރުން ހޯދާ ކާމިޔާބީތައް އިތުރުވެގެން ދިއުމަކީ ތައުލީމީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.