ލަ ލީގާ

ޑިޕާއީގެ ގޯލުން ބާސާއަށް ހިތްހަމަޖެހުމެއް

ލަލީގާ ގައި ބާސެލޯނާ އާއި އެތުލެޓިކް ކްލަބް ބައްދަލު ކުރި މެޗުން އެއްވަރުވެ ބާސެލޯނާއަށް ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ދެޓީމުން ވެސް އެއް ގޯލު ޖަހައި މެޗުން ވަނީ އެއްވަރު ވެފަ އެވެ. ބަލިނުވެ އެއްވަރު ވުމުން ބާސާ ވަނީ ލީގުގެ އެއް ވަނައިގައި ހަމަޖެހިލާފަ އެވެ.

މި މެޗުގެ ލަނޑުތައް ފެނިފައި ވަނީ ދެވަނަ ހާފުގަ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެތުލެޓިކް ކްލަބުން ވަނީ ބާސެލޯނާ ކޮޅަށް ގިނަ ބޯޅަތަކެއް ފޮނުވާލައި ޑިފެންސް ލައިނަށް ބާރު ބޮޑު ކޮށްފަ އެވެ. އެގޮތުން އިނާކީ ވިލިއަމްސް ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ނެޓޯ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި ބާސާގެ އޭރިއާ ތެރެއިން އޮއިހާން ސަންސޭޓް ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑީގައި ޖެހިފައި ނިކުތީ ބޭރަށެވެ.

ބާސެލޯނާއަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފި ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ. މެމްފިސް ޑިޕާއީ ދިން ކަޓް ޕާހެއް އޭރިއާގެ ތެރެއިން މާޓިން ބްރެތުވެއިޓް ގޯލަށް ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އެތުލެޓިކަށް ލީޑު ނަގައިދިނީ އިނީގޯ މާޓިނޭޒް އެވެ. މި ގޯލަކީ މަތިމަތިން އައި ކޯނަރެއް ބޮލުން ޖަހައި ގޮލުގެ ދުރު ކަނަށް ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 75 ވަނަ މިނެޓުގައި ވާއަތު ފަޅިން އިދިކޮޅު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ދާގަނޑަށް އަމާޒު ކޮށްގެން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިޕާއީ އެވެ.

އޭގެ ފަހުން މެޗު ނިމެނިކޮށް ބާސާގެ އެރިކް ގާސިއާއަށް ވަނި ރަތް ކާޑެއް ދައްކާފަ އެވެ. މި ކާޑާކީ އެންމެ ފަހަރުގައި ހުރެފައި އިނާކީ ވިލިއަމްސްއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެކެވެ. އެހެން ކަމުން ބާސާއިން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއި އެކުގަ އެވެ.

ލަލީގާގައި ރޭ ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ރެއާލް ބެޓިސް އާއި ކާޑިޒް ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ގްރަނާޑާ އާއި ވެލެންސިއާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، އެސްޕަންޔޯލް އާއި ވިޔަރެއާލް މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި އަލާވޭސް އަތުން މަލޯކާ މޮޅުވީ 1-0 އިންނެވެ.