ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ތާއިދު ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް

ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ތާއިދުކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 25 ގަ އެވެ. އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިހާރު ވަނީ އާންމު ކޮށްފަ އެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ވަނީ ރަސްމީކޮށް އެކަން އަންގާފަ އެވެ.

މި ފަހަރުގެ ދާއިރާތަކުގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތް އޮތީ ހަދާފަ އެވެ. އެގޮތުން ހިޔާނާތުގެ ލިސްޓުގައި ހިމެނޭތީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ވަނީ އަންގާފަ އެވެ. ނަމަވެސް އެކަން މުރާޖާކުރަން އެ ދެބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ.

ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނަޝީދު ނިންމަވާފައި މިވަނ ބަރުލަމާނީއަށް ތާއީދުކުރާ މީހުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާ ވަގުތެއްގަ އެވެ.