ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު 100 އިން ދަށުގައި

ރާއްޖެއިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 79،959 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 26 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 56 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 13 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،673 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،648 މީހުންނެވެ. މިހާތަނަށް 78،076 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 222 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. ކޮވިޑްގައި މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ އަންހެނެކެވެ.