ރައްޔިތުންގެ މަޖިލިސް

ކައުންސިލުތަކުން ފަޅުރަށް ކުއްޔަށް ދޭ އިސްލާހެއް

ފަޅު ރަށްތައް ވަރުވާއަށް ލިޔެ އަދި ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޭން ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާއި ތައާރަޒުވާ ކަންކަން އިސްލާހުކުރުން ކަމަށް ބުނެފައިވެ އެވެ.

އަަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްތަކުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ އަދި އެ ފަރާތްތަކުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ. އެ ނޫން ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތްތަކުން ވަކިކުރާނީ ދަނޑުވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީންނެވެ

ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ފަޅު ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކަނޑައަޅައިފިނަމަ އެ ރަށެެއް ކައުންސިލްގެ އިހުތިސޯސުން ވަކިކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ކުއްޔަށް ދޭނީ އިގުތިސޯދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މިނިސްޓްރީންނެވެ. އަދި ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ނޫން ގޮތަކަށް ތަރައްގީ ކުރަން ކުއްޔަަށް ދެވޭނީ ފަޅު ރަށްރަށާ ބޭހޭ ގާނޫނުގެ ދަށުން ހަދާ ގަވަައިދުގެ ދަށުން ކައުންސިލްތަކަށެވެ.

ކުއްޔަށް ދޭ ރަށްތައް ކުއްޔަށް ދެވޭނެ މުއްދަތު ވެސް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން އެންމެ ގިނަ ދުވަހަށް ރަށެއް ކުއްޔަށް ދެވޭނީ 21 އަހަރަށް ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެރަށެއްގައި މަސައްކަތް ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ސަރުކާރު ނުވަތަ ކައުންސިލަށް ލިބެ އެވެ.