ރައްޔިތުންގެ މަޖިލިސް

ފަޅުރަށްތަކާ ބެހޭ ބިލަށް މެމްބަރުންގެ ފާޑުކިޔުން

ފަޅު ރަށްތައް ވަރުވާއަށް ލިޔެ އަދި ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޭން ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ފާޑުކިޔައިފި އެވެ.

ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާއި ތައާރަޒުވާ ކަންކަން އިސްލާހު ކުރުމެވެ.

އެ ބިލަަށް ބަހުސް ކުރެއްވި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެ ބިލު ހުށަހަޅާފައި އޮތީ ވަރަށް ތާކުން ތާކު ނުޖެހޭ ގޮތަށް ކަމަށާއި އަދި އެ ބިލަށް ތާއީދުވެސް ނުކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބިލުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނުތަކާ ފުށުއެރުންތައް ހުރި ގާނޫނުތައް އިސްލާހު ކުރުން ކަމަށް ބުނެފައި އޮތް ނަމަވެސް ބިލު ހަދާފައި އޮތީ "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ކަމަށެވެ.

ބިލުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކަނޑައަޅައިފިނަމަ އެ ރަށެެއް ކައުންސިލްގެ އިހުތިސާސްތަކުން ވަކިކުރަން ޖެހެ އެވެ. ނަމަވެސް އެ މާއްދާ އެ ގޮތޮތަށް އޮތުމުން ބަލައި ނުގަނެވޭނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ. އޭގެ ސަބަބުން ލާމަރުކަޒީ ތަސައްވަރު ހާސިލް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރުން ފާސްކުރި ލާމަރުކަޒީ ގާނޫނާ ހަވާލާދީ ވައްޑޭ ވިދާޅުވީ އަތޮޮޅު ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ދައުލަތުގެ އެއްވެސް އިދާރާއަކުން ކުއްޔަށް ނަގައި ނުވަތަ ކުއްޔަށް ދޫކުރަން ވާނީ އެ ކައުންސިލާއެކު މަޝްވަރާކޮށްފައި ކަމަށް ބުނެފައި އޮތް ނަމަވެސް އަލަށް ގެންނަ އިސްލާހުން އޭގެ ބާރު ކެނޑިގެން ދާނެ ކަމަށެވެ.

"ދެން ލާމަރުކަޒީ އުސޫލަށް ފައްތައް ވެގެނޭ ކިޔާފައި ބިލެއް މިއޮތީ ފޮނުވާފައި. މީގައި އަތޮޅު ކައުންސިލްގެ ނަން ވެސް ނެތް. އަދި ރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށް ވެސް ބޭނުންއިރަކު އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭނުން އިރަކު އަތުލުމުގެ ބާރު ލިބޭގޮތަށް ބިލުގައި މި އޮތީ،" ވައްޑޭ ވިދާޅުވި އެވެ.

ބަހުސްގައި ބައިވެރިވެލެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލާ މި ސަރުކާރުން ފާސްކުރި ލާމަރުކަޒީ ގާނޫނުގެ މަގްސަދާ ތައާރަޒުވާ ކަމަށެވެ. އަދި ފަޅު ރަށްތަކަކީ ރަށު ކައުންސިލްތަކާއި އަދި އަތޮޅު ކައުންސިލްތަކުގެ އިހުތިސޯސްތަކުގައި އޮންން މުހިންމު ވަސީލަތަކަށްވާއިރު އެ ފަޅުރަށްތައް އެ ކައުންސިލްތަކަށް އެންމެ ފައިދާވާ ގޮތަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

އެހެން ނަަމަވެސް ބިލު ފަރުމާ ކޮށްފައި ވަނީ މިހާރުވެސް ވަރުވާއަށް ކުއްޔަށް ރަށްތައް ދޭ ގޮތަށް ރަށްތައް ކުއްޔަށް ދިނުމުގެ ވިސްނުމުގައި ކަމަށާއި ކައުންސިލްތައް ހަގީގީ ނަފާ ހޯދައިދިނުމަށް ނޫން ކަން އަފީފް ފާހަގަ ކުރެއްވި އެވެ.

"މިއަކީ ނޫން އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނު އިސްލާހުކުރި އިރު މިކަންތައްތައް އަޅުގަނޑުމެން ބަޔާންކުރި ގޮތަކީ.
މިހާރު މި ބިލު އައިސްފައިވާ ގޮތުން ވަރުވާއަށް ނޫން ގޮތަކަށް ކައުންސިލަކަށް ނެތް އެހެން ފަރާތަކަށް އެރަށް ދެވޭ ގޮތެެއް، ރަށުގެ ކައުންސިލުން ބޭނުންވޭ ރަށުގެ ފައިދާއަށް އެންމެ ފައިދާހުރި މަސައްކަތަކީ ކޮބައިތޯ ބަލަން" އަފީފް ވިދާޅުވި އެވެ.

ބިލު މިހާރު އޮތް ގޮތަށް ފާސް ވެއްޖެނަމަ ކައުންސިލްތަކުގެ ބާރު ކެނޑިގެން ދިއުމުގެ ކަންބޮޑުވުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ފާޅުކުރެއްވި އެވެ.

އެގޮތުން ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގައި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލްތަކުގެ އިހުތިސާސްތަކުން ވަކިކުރެވޭ ގޮތަށް އޮންނަ މާއްދާއަށް ސަލީމް އިސްލާހު ހުށަހެޅުއްވި އެވެ. ސަލީމް ވިދާޅުވީ އެގޮތަށް އެކަން ކުރަންވާނީ އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެެވެ. އަދި އެކަށީގެންވާ ބަދަލެއް ކައުންސިލްތަކަށް ދޭން ބިލުގައި ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ.