ރައްޔިތުންގެ މަޖިލިސް

ހަލީމް ސަސްޕެންޝަންގައި ހުރީ މުސާރަ ލިބޭގޮތަށް

ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވި މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަޒީފާއިން އެކަހެރިކޮށްފައިވަނީ މުސާރަ ލިބޭގޮތަށް ކަމަށް މަޖިލީހުން ބުނެފި އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ހަލީމް އަދިވެސް ހުންނެވީ ސަސްޕެންޝަންގައި ކަމަށާއި އަދި އޭނާގެ މުސާރަ ކުރިއެކޭ ގޮތަށް ހިނގަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އަށް މަސްވާން މިހާރު ވަނީ ކައިރިވެފަ އެވެ.

ހަލީމު މިހާރު ސަސްޕެންޑް ކޮށްފައި ހުންނެވި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީން ބެލިއިރު ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެހެންވެ ހަލީމް ސަސްޕެންޝަންގައި ހުންނެވި މައްސަލައާއި ގުޅޭ މައުލޫމާތު ވެސް އެނގިފައެއް ނުވެ އެވެ. މަޖިލީހުގެ އިދާރާ އިން ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ހަލީމްގެ މައްސަލަ އާންމުކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ އަރުއްވައިފަ އެވެ. ނަމަވެސް އެކަމާމެދު އަދި ރައީސް ނަޝީދު ގޮތެއް ނުނިންމަވާ ކަމަށް މަޖިލީހުން ބުނެ އެވެ.

ހަލީމް ސަސްޕެންޑް ކުރި އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ސަމާލު ކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ.

މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު 2013 ވަނަ އަހަރު އެވެ. މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމު އެންމެ ފުރަތަމަ އައްޔަން ކުރީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ އަކީ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ރިޓަޔާޑް އޮފިސަރެކެވެ.

މަޖިލީހުގެ ތަޅުމުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަމާ ގުޅިގެން މެމްބަރުން ތަޅުމުން ނެރުން ފަދަ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވަނީ ސާޖަންޓް އެޓް އާމްސް އެވެ.

ސަސްޕެންޝަންގައި ހުންނެވި ހަލީމް ސިޔާސީ ވާހަކަތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކަވާ މައްސަލަތަކެއްވެސް މިފަހުން ފެންމަތިވެފައި ވެއެވެ. މަޖިލީހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް އެ މައްސަލަ ބަލަމުން ނުދާ ކަމަށެވެ.