އުމުރުން 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އޭ ސްޓާ ހޯދި ހއ. އިހަވަންދޫ ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ރަޔާންއާ ބައްދަލު ކުރައްވާފައި ވަނީ ރައީސް އޮފީހުގަ އެވެ. ހުރަވީ ސުކޫލްގެ ދަރިވަރެއް ކަމުގައިވާ ރަޔާން އެހާ ޅަ އުމުރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު ވަނީ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ރަޔާން ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ އައްސަވާފަ އެވެ. ރަޔާން ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ސައިންޓިސްޓަކަށް ވާން ކަމަށެވެ. އަދި އަމިއްލަ ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ އާލާތްތައް ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމުން ރަޔާން އަބަދުވެސް ފޮތްތައް ކިޔާ ކަމަށާއި އޯލެވެލްއަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގައި އަމިއްލައަށް އެއްޗިހި ހޯދައި ކިޔަވައިގެން ކަމަށް ރަޔާންގެ މަންމަ ވަނީ ބުނެފަ އެވެ.
ރަޔާން ހޯދި ރަން ވަނަ އާއި ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ވަނީ ހާއްސަ އިނާމެއް ވެސް ދެއްވާފަ އެވެ.
އޯލެވެލްގައި ކެމިސްޓްރީއިން ރަން ވަނަ ހާސިލްކުރި ރަޔާން ވަނީ ފުލުހުންގެ ފޮރެންސިކް ލެބަށް ވެސް ޒިޔާރަތް ކޮށްފަ އެވެ. އެ ލެބް ބަލާލައި ބައެއް މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. ފުލުހުން ވެސް ވަނީ ރަޔާން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.