ވިޔަފާރި

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އިންޑިއާ ކުންފުންޏަކާ ހަވާލު ކުރަނީ

Nov 24, 2015
2

ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އިންޑިއާގެ ކުންފުންޏަކާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެ މަޝްރޫއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވަނީ ކުޅުއްދުއްފުށީ އެއާޕޯޓް ހަވާލު ކުރަން މިހާރު ހަމަޖެހިފައި އޮތީ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކިޔާ ކުންފުންޏަކާ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު ރަސްމީ ލިޔެކިޔުންތަކުގައި ސޮއިކުރުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫއު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުގެ އެކި ލެވަލްތަކުގައި ބާރަށް އެބަދޭ. އެކަން ހަވާލު ކުރާނެ ކުންފުނި ވެސް މި އޮތީ ހޮވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޓިމަކާއި ސިވިލްއޭވިއޭޝަންގެ ޓީމެއް އެކުގައި ވަރަށް އަވަހަށް ކުޅުދުއްފުޓަށް ދަތުރެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ދަތުރުގައި އެ ރަށުގެ އާންމުންގެ ހިޔާލު ހޯދައި އެއާޕޯޓް ޑިވަލޮޕްމަންޓް ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ޒިޔާރަތަށް ފަހު، އެކުލަވާލާ ޕްލޭންއަށް ބަލައި އެއާޕޯޓް އަޅާ ސަރަހައްދުގެ އެންވަޔަރުމަންޓް އެސެސްމަންޓް ޕްލޭން ވީހާ ވެސް އަވަހަކަށް ތައްޔާރުކޮށް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ އެއާޕޯޓް އެޅުން ލަސްވާ ކަމަށް ބުނެ އެ ރަށުގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެ އެވެ. އަދި އެ ރަށާއި ގާތްގަނޑަކަށް 20 މިނެޓުން ދެވޭ ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮތުމުން ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް އޮތީ ވެސް ހިޔާލު ތަފާުވުމެއްގެ ތެރޭގަ އެވެ.