އެމްޑީޕީގެ ބަޔަކު ހަފްތާގެ ސިޔާސީ މަސައްކަތް ފެށީ ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ހޯދަން ސޮއި ކުރާ ޕެޓިޝަނަކުންނެވެ. އެ މަސައްކަތް ކުރަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާ އެކު އެމަނިކުފާނުގެ ފެކްޝަނުންނެވެ. މާލެ އިން ފެށި އެ މަސައްކަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަތޮޅު ތެރޭގައި ފޯކަލް ޕޮއިންޓްތައް ގާއިމުކޮށްގެން ރައީސް ނަޝީދުގެ ފެކްޝަނުން އެންމެ ފޯރީގައި މިވަގުތު ކުރަނީ ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތެވެ. ވީހާވެސް ގިނަ ސޮއި ހޯދުމަށްޓަކައި އޮންލައިންކޮށް ވެސް ޕެޓިޝަންގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސަން ދަނީ ތައްޔާރުވަމުންނެވެ.
ބަރުލަމާނީ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކޮށްދިނުމަށްވެސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި އެދިވަޑައިގެންފަ އެވެ. ނަޝީދަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން މަޖިލީހުގެ 13 މެންބަރަކު މިހާރު ވަނީ އެ ޕެޓިޝަނުގައި ސޮއި ވެސް ކުރައްވާފަ އެވެ. ބަރުލަމާނީ ޕެޓިޝަން ހެދުމުގެ ކުރިން ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރު ކަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕްރައިވެޓްކޮށް މެސެޖު ކުރައްވާ އެ ވާހަކަ ދެންނެވި އެވެ. އާންމު ފޯރަމުތަކުގައި ވެސް އެ ވާހަކަދައްކަވައިފި އެވެ. އެ ހުރިހާ ފަހަރަކު ވެސް ރައީސް ސޯލިހް ދެއްވަނީ އެއް ޖަވާބެކެވެ.
"ވެރިކަމުގެ ނިޒާމު ކަނޑައެޅީ ރައްޔިތުންގެ ސީދާ ވޯޓަކުން. އެހެންވީމާ އެކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން. ރައީސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެން. އެހެންވެ ރައީސްގެ ފޯކަސް މިވަގުތު އޮތީ ވައުދުތައް ފުއްދުމަށް،" ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް ދެއްވާ ޖަވާބު ތަކުރާރު ކުރައްވަމުން ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވި އެވެ.
ބަރުލަމާނީ ޕެޓިޝަންގައިވާ ގޮތުން 2020ގެ ކުރިން ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެހެންވެ އެކަން ތަންފީޒުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޕެޓިޝަނުގައި ބާރު އަޅާފައިވެ އެވެ. ޕެޓިޝަންގައި އެ ބުނާ ވައުދަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވަކިން އެކުލަވާލި "ޖަޒީރާ މެނިފެސްޓޯ"ގައި އޮތް އެއްޗެކެވެ. އެ މެނިފެސްޓޯގެ 98 ވަނަ ސަފްހާގައި ވެރިކަމުގެ ނިޒާމު ބަދަލުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފަހު، އެކުލަވާލާ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް ނަގާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ކަނޑައަޅާފައި އެބައޮތެވެ. އަދި 99 ވަނަ ސަފްހާގައި ރައީސުލްޖުމްހޫރިއްޔާ އަކީ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާގެ އިތުރުން ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށްވެސް ބުނެފައިވެ އެވެ.
ޖަޒީރާ މެނިފެސްޓޯގައި އޮތް ވެރިކަމުގެ ނިޒާމާ ގުޅުވައިގެން ޕެޓިޝަނުގައި ހުރި ވާހަކަތަކަށް ވެސް މަބްރޫކް ވަނީ ރައްދު ދެއްވާފަ އެވެ. މަބްރޫކް ވިދާޅުވި ގޮތުގައި ޖަޒީރާ މެނިފެސްޓޯގެ ފަހުން ވެރިކަން ކުރާ ކޯލިޝަނުން އެއްބަސްވާ މެނިފެސްޓޯއެއް ނެރެފައިވެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރު އޮތް ކޯލިޝަން މެނިފެސްޓޯ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ތާއީދުކޮށްފައިވާ މެނިފެސްޓޯއެއް ކަމާއި ސަރުކާރުން އަމަލުކުރަނީ ވެސް ކޯލިޝަން މެނިފެސްޓޯ އަަށް ކަމަށް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލުމަށް ރައީސް ނަޝީދުގެ ފެކްޝަނުން ބޭނުންވި ނަމަވެސް އެއީ ކާމިޔާބު ވާނެ މަސައްކަތެއް ކަމަކަށް ނުބެލެވެ އެވެ. ރައީސް ސޯލިހު ތަކުރާރުކޮށް ދެއްވާ ޖަވާބުން އެނގެނީ ވެރިކަމުގެ ނިޒާމު އެމަނިކުފާނުގެ މި ފަސް އަހަރުގެ ތެރޭގައި ބަދަލުކޮށް، ބާރުތައް ދޫކޮށްލެއްވުމަށް ދޫދެއްވަން ބޭނުންފުޅު ނުވާ ކަމެވެ. އެކަން އިތުރަށް ޔަގީންކޮށްދެނީ ސިޔާސީ މައްސަލަތަކުގައި ވަރަށް ގިނަ ދުވަހު ހަނުހުންނެވުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުންނެވެ. ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުންނާ އެކު އެ ޕާޓީގެ ސުޕާ މެޖޯރިޓީ މަޖިލީހުގައި އޮއްވާ އެމަނިކުފާނު ހުންނެވީ "މެޖޯރިޓީއާ އެކު" ކަމަށް ރައީސް ވިދާޅުވާނީ ސަބަބެއް އޮތީމަ އެވެ. މަގާމުގެ ހައިސިއްޔަތުން ރައީސް އެ ދެއްވީ ޑިޕްލޮމެޓިކް ޖަވާބެކެވެ. ނަމަވެސް ރައީސް އެ ވިދާޅުވަނީ އެމަނިކުފާނު ކުރަން ބޭނުން ނުވާ ކަމެއް މަޖިލީހުގައި އިތުރު ބޭފުޅަކަށް ނުކުރެވޭނެ ކަމެވެ. ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމެވެ.
"އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާ އެކުގައި. އެހެންވީމަ ސަރުކާރުން ދޭ ހިދުމަތްތައް އޮމާންކަމާ އެކު ފޯރުކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގައި ރައީސް ސޯލިހުގެ ނުފޫޒާއި ބާރު އޮތް ކަން ޔަގީންވެސް ކޮށްދެ އެވެ. ހިސާންގެ ބިލްގެ ނަމުން މަޝްހޫރުވި ބިލް ފާސްކުރަން ރައީސް ނަޝީދުގެ ފެކްޝަނުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހުށަހެޅި އެ ބިލް ފާސްކުރަން ރައީސް ސޯލިހް ފަހުން ބޭނުންވެވަޑައިނުގެންނެވުމުން އެ ބިލްގެ މަސައްކަތް އެ އޮތީ ހުއްޓުވާފަ އެވެ. މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރިއަށް ގެންދިއުމަށް ސީދާ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެ މައްސަލާގައި ފައްޔާޒާ އެއްކޮޅަށް ރައީސް ސޯލިހު ނިކުންނެވުމާ ހަމައިން ރައީސް ނަޝީދަށް ޖެހިވަޑައިގެންނެވީ ހަތިޔާރު ތިރިކުރާށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް ސޯލިހަށް ދަންނަވަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަނި އަގުލަބިއްޔަތުން ފާސްކުރި ގަރާރު ތަންފީޒު ކުރަން މަޖިލީހުގެ ތެރެއިން ކުރަން އުޅުނު މަސައްކަތް ވެސް ޖެހުނީ ހުއްޓާލާށެވެ.
ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ގޮތް ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އެ މާއްދާގައި ވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ރުހުމާއި އިތުބާރު ނެތި މިހާރު ސޮއިކުރަމުންދާ ބަރުލަމާނީ ޕެޓިޝަން ހަގީގަތަކަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ކުރަމުން އެދަނީ ވަގުތުތަކެއް ބޭކާރުކޮށްލުމުގެ މަސައްކަތެކެވެ. ސިޔާސީ މައްސަލަތަކުގައި ރައީސް ސޯލިހު މީގެކުރިން އަމަލުކުރައްވާފައިވާ ގޮތުން ބަރުލަމާނީ ޕެޓިޝަން "ފަނުފުލުން" ދުއްވާލާނެ އެވެ. ބަސް މަދުކުރައްވައި ރައީސް ނަތީޖާ ނެރުއްވަނީ އަމަލުންނެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށްލުމަށް އެމްޑީޕީ ފިޔަވާ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީ އަކުން ތާއީދެއް ވެސް ނުކުރެ އެވެ. އެމްޑީޕީ އަކުން ވެސް އެ ނިޒާމު ގެނައުމަށް މިފަހުން އެއްވެސް ނިންމުމެއް ރަސްމީ ސިފައެއްގައި ނިންމާފައެއް ނުވެ އެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު ބަރުލަމާނީ އަށް ތާއީދުކުރުމަކީ އެމްޑީޕީގެ ރަސްމީ ނިންމުމަކަށް ވެސް ނުވާނެ އެވެ. އެހެންވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ރައީސް ނަޝީދަށް އެއީ ވެސް ކުރިމަތިވެވަޑައިގެންފައި އޮތް އިތުރު ގޮންޖެހުމެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވި ނަމަވެސް ރައީސް ސޯލިހު ހުންނެވީ ވެރިކަން ކުރާ ކޯލިޝަން ރޫޅާލައި ރާއްޖެ އަށް ބަރުލަމާނީ ގެނެސް، ރައީސް ނަޝީދަށް ބޮޑުވަޒީރު ކަން ހޯއްދަވައިދެއްވާ ގޮތަކަށް ނޫނެވެ. ރައީސް ސޯލިހު ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށް ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާ އެކު ވެރިކަން ކުރައްވާށެވެ. ރައީސްގެ ވިސްނުންފުޅު ހުރީ ރައްޔިތުންގެ ނިންމުމުގައި ހުންނަވައިގެން ކޯލިޝަނާ އެކު ވެރިކަމުގެ ފަސް އަހަރު ކުރިއަށް ދިއުމަށެވެ. އެހެންވެ ބަރުލަމާނީގެ ވާހަކަ ހަމައެއްގޮތަކަށް ވެސް ނުވެސް ދައްކަވަނީ އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ސޯލިހުގެ ފަރާތުން އެއްވެސް އިޖާބައެއް ނުދެއްވުމުން ރައީސް ނަޝީދު ދެން ހިޔާރުކުރެއްވީ ތަފާތު މަގެކެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ކުއްލި އަކަށް އިއުލާންކުރެއްވީ އެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ޔާމީނާ މަޝްވަރާ ކުރެއްވުމަށް ތަކުރާރުކޮށް ދައުވަތު ވެސް ފޮނުއްވި އެވެ. ރައީސް ޔާާމީން ޖަލު ބަންދެއްގައި ހުންނެވުމާ ގުޅިގެން އެމަނިކުފާނު މިނިވަންވުމަށް ފަސޭހަ މަގެއް ހިޔާރުކުރުމަށްޓަކައި "ޑީލެއް" ހެއްދެވިދާނެ ކަމަށް ރައީސް ނަޝީދަށް ވިސްނިފައި އޮތީ ކަމަށް ވެދާނެ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ދެއްވީ ރައީސް ނަޝީދު އުއްމީދު ކުރެއްވި ފަދަ ޖަވާބެއް ނޫނެވެ. ބަރުލަމާނީ އަށް ރައީސް ޔާމީން ތާއީދު ނުކުރައްވާ ކަމާއި އެމްޑީޕީގެ މެންބަރުންތަކެއް ތައްޔާރުކޮށްފައިވާ ބަރުލަމާނީ ޕެޓިޝަންގައި ސޮއި ނުކުރަން ވެސް ފާޅުގައި ގޮވާލީ އެވެ.
"އަޅުގަނޑުމެން، ރައީސް ޔާމީނެއް އަޑިނޭނގޭ ޑީލެއް ނުހަދާނެ. ބަރުލަމާނީ ގެންނަން ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި އޮތް ކޯޅުމުގެ ތެރެއަށް ވަންނާކަށް ވެސް އަޅުގަނޑުމެން ނެތިން. އިދކޮޅު ޕީޕީއެމްއާއި ޕީއެންސީ މިކުރަނީ ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ކާމިޔާބުކޮށް ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުން އެއީ އަޅުގަނޑުމެންގެ އަމާޒު،" އަވަސް އަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ވެސް މިވަގުތު އޮތީ ބަރުލަމާނީ ޕެޓިޝަންގެ މަގުސަދުތައް ހާސިލްވާނެ ގޮތަކަށް ނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ދާނަމަ އެކަމަށް ސީދާ ގޮތެއްގައި 80 މިލިއަން ރުފިޔާ ވަރު މަދުވެގެން ހަރަދުވާނެ އެވެ. އެއީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިދާ އިން ހަރަދުކޮށްގެން މިވަގުތު ކުރަން އެއްގޮތަކަށް ވެސް ބޭނުންތެރި ކަމެއް ކަމަކަށް ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީގެ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.
"ގައުމު އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭ އޮއްވާ އަދި ސިއްހީ ބޮޑު ކާރިސާއަކުން އަރައިނުގަނެވި ހިންދެމި ނުލެވި އޮއްވާ، ރައްޔިތުން އަތާއި އަގައާއި ދިމާނުވެ ތިއްބާ، ގައުމަށް ހެޔޮ އެދޭ ބަޔަކު ދައުލަތުން 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިޒާމީ ވޯޓެއް ނަގަން އުޅެފާނެބޭ؟" ޝަރީފްގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.
ބަރުލަމާނީ ޕެޓިޝަންގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ ރައީސް ސޯލިހަށް ޕްރެޝަރުކޮށްގެން ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމެވެ. އެކަމަކު އެ ޕެޓިޝަނުން ކުރަން ބޭނުންވާ ޕްރެޝަރެއް ރައީސް ސޯލިހަށް ކުރިމަތިވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ މަޖިލީހުގައި ރައީސް ސޯލިހު ކޮންޓްރޯލް ކުރައްވާ މެންބަރުން ގިނައީ އެވެ. ވެރިކަން ކުރާ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ރައީސް ނަޝީދު ފިޔަވާ ޕެޓިޝަނަށް ތާއީދުކުރާ ވެރިޔަކު ނެތުމެވެ. ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ނިންމާފައި އޮތް ގޮތެއް ސާފުކޮށް ފެންނާން ވެސް އޮތީ އެވެ. އެހެންކަމުން ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމަށް ކުރާ މަސައްކަތަކީ ބޭކާރު ވަގުތުތަކެކެވެ. ސިޔާސީ ގޮތުން ކުރިމަތިވާނެ އިތުރު ފެއިލިއަކާ އެވެ.