ދުނިޔެ

އީރާނުން ލުބްނާނަށް ތެޔޮ ފޯރުކޮށްދޭނެ: އީރާން

ލުބްނާން އޮތީ ތެލަށްޖެހިފައި ކަމަށާއި އެ ދަތިކަން ފިލުވައިދިނުމުގައި ތެހެރާން ދެމި އޮންނާނެ ކަމަށަށް އީރާނުން ބުނެފި އެވެ. އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން، ސައީދު ހަތީބްޒާދާ ވިދާޅުވި ގޮތުން އީރާނުން ތެލާއި އެހެނިހެން އުފެއްދުންތައް ވިއްކުމާއި ނުވިއްކުމަކީ ތެހެރާންގެ އަމިއްލަށް އިހުތިޔާރުގައި އޮންނަ ކަމެކެވެ. އެނާ ވިދާޅުވީ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ގާތްއެކުވެރި ކަމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ލުބްނާން ތެލަށް ޖެހިފައި އޮތްނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މައިގަނޑު ސަބަބަކީ އިގުތިސޯދު ބަލިކަށި ވުމެވެ. އިގުތިސޯދީ ގޮތުން ލުބުނާން އަށް ހިރިނުލެވި އޮންނަތާ ދެއަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަނެއްކޮޅުން ގައުމުގައި ސަރުކާރެއް އެކުލަވާނުލެވި އޮތުމުން ދުނިޔޭގެ މާލީ އިދާރާތަކުން ލިބެންޖެހޭ އެހީތައް ވެސް ހުރީ ބަންދުވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕް އަދި ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އިރާދާތަކުން ލުބުްނާނަށް ގޮވާލާފައި އޮތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުއާމަލާތް ކުރާނެ އިދާރާއެއް ދެއްކުމަށެވެ. އެހެން ނަމަވެސް ސައްހަ ސަރުކާރެއް ނެތުމުން މިފަދައިން ކުރެވެން ހުރި މުއާމާލާތްތައް ވެސް ހުރީ ހުއްޓިފަ އެވެ.

ލުބްނާނަށް ތެޔޮ އެތެރެ ކުރުމަށް ސްމަގްލް ކުރުން ފަދަ ގަވައިދުން ބޭރު ހަރަކާތްތައް ވެސް ހިންގާފައިވެ އެވެ. އަނެއްކޮޅުން ސަރުކާރުން ތެލަށް ކަނޑައަޅާފައި އޮތް ސަބްސިޑީސް ކަނޑާލުމުން ތެޔޮ ލިބުން ވަރަށް ބޮޑަށް ދަތިވެ އާންމުން މަގުތަކަށް ނުކުމެ ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.

އެމެރިކާއިން އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެހެން ގައުމަކަށް ތެޔޮ ވިއްކުމަކީ މަނާކަމެކެވެ. އަދި އީރާނުން ތެލާއި އެހެނިހެން އުފެއްދުތައް ގަތުމަކީ އެހެން ގައުމުތަކަށް ވެސް މަނާކަމެކެވެ.

އީރާނުން ބުނީ ލުބުނާނަށް ތެޔޮ ފޯރުކޮށްދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ލުބުނާންގެ ރައްޔިތުންނަށް ވެދޭ އެހީތެރިކަމެއް ގޮތުގައި ކަމަށެވެ. އަދި ތެޔޮ ސަޕްލައިކުރުމުގައި ލުބުނާން ސަރުކާރަށް ނިސްބަތްވާ އެއްވެސް އިދާރާއެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

އީރާންއާ ލުބްނާންގެ މި މުއާމަލާތަކީ ވިޔަފާރިއެއް ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ނިންމައިފި ނަމަ، އިގުތިސޯދު ހަލާކުވެފައި އޮތް ލުބުނާނަށް އިގުތިސޯދީ ގޮތުން ދަތިކުރުމަކީ އެމެރިކާއިން ކޮށްފާނެ ކަމެވެ. އެހެން ނަމަވެސް އެމެރިކާއިން އަދި މިކަމާ އަޅާލާތަނެއް ނުފެނެ އެވެ.

ލުބުނާނަށް ތެޔޮ ސަޕްލައިކުރުމަށް ގޮތެއް ފެނޭތޯ އެމެރިކާއިން ވަނީ މިސްރަށާއި އުރުދުންއަށް ގޮވާލާފަ އެވެ. އެކަމަކު އަދި މިކަމުން ވެސް ކޮޅެއް ނުފަޅަ އެވެ.