ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

"އެކި ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރަން ތައްޔާރު"

އެކި ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރަން ޗައިނާއިން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން އަލަށް ރާއްޖެއަށް ކަނޑައެޅި ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެ އެވެ.

ލީޝިން މިއަދު ކުރެއްވި ޓުވީޓެއްގައި ރާއްޖެއިން އެކަމަނާ އަށް ކީ ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވައި ވިދާޅުވީ ޗައިނާއިން ރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގަ އެވެ.

މިދިޔަ އޭޕްރީލް މަހާ ހަމައަށް ޖަންގް ސަފީރު ކަމުގެ މަގާމު ފުުރުއްވި އެވެ. ކުރީގެ ސަފީރު ވެވަޑައިގެންފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރެއްވި ބޭރު ގައުމުތަކުގެ ސަފީރުންގެ ތެރެއިން ވަރަށް މަޝްހޫރު ބޭފުޅަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ގާތްގުޅުންތަކެއް އޮތް ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާއާ އެކު އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ.