ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެ- ޗައިނާ ގުޅުން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ: ސަފީރު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.

ޖޭންގް މިހެން ވިދާޅުވީ އޭނާގެ ސަފީރުކަމުގެ ދައުރު ނިމޭތީ އެކަން ފާހަަގަކުރުމުގެ ގޮތުން ވާޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި ވަދާއީ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެެ.

މި ރަސްމިއްޔާތުގައި ސަފީރު ވަނީ ރާއްޖެއާ ޗައިނާގެ ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވަވައިފަ އެވެ. އެގޮތުން ރާއްޖެއާއި ޗައިނާގެ ގުޅުން ސިފަކޮށް ދެއްވާ ސަފީރު ވިދާޅުވީ މިގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއް ކަމަށެވެ. ކުދި ގައުމުތަކާ ބޮޑެތި ގައުމުތަކުން ވެސް އެއް ގައުމު އަނެއް ގައުމަށް އެއްް ހަމައަކުން ބަލައި، ދެ ގައުމަށް ވެސް ފައިދާ ކުރާނެ ގޮތަށް މަސައްކަތް ކުރާތަން ދެގައުމުގެ ގުޅުމުން ފެންނަ ކަމަށެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ އަސްލަކީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގާތް ގުޅުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ހޭދަކުރި ދުވަސްވަރު ބައެއް ބޭފުޅުން މިވަނީ އަޅުގަނޑާ ވަރަށް ގާތް ރަހުމަތްތެރި ގުޅުންތަކެއް އުފައްދާފައި. އެ ގުޅުންތައް ހަނދާން ނައްތައެއް ނުލެވޭނެ. ޗައިނާއަށް އެނބުރި މިދަނީ އެ ފޮނި ހަނދާންތަކާއެކު. ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން އަޅުގަނޑުގެ ސިކުނޑީގައި އަބަދުވެސް އޮންނާނެ،" ސަފީރު ވިދާޅުވި އެވެ.

ދިވެހިންގެ ޒަމާންވީ ރީތި އާދަތަކަށް ވެސް ސަފީރުގެ ވާހަކަފުޅުގައި ވަނީ ތައުރީފްކުރައްވާފަ އެވެ. އެގޮތުން ސަފީރު ވިދާޅުވީ ދިވެހިންނަކީ އެމީހުންނަށް ރަހްމަތްތެރިޔަކު ލިބިއްޖެނަމަ އެމީހަކާ ވަކިވުމަށް އެދޭ ބައެއް ނޫން ކަމަށެވެ. ދިވެހިންގެ މެހްމާންދާރީ ހުރި ގޮތުން މުސްތަގުބަލުގައި ރާއްޖެ ވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޖޭންގް އަކީ ރާއްޖެއަށް ޗައިނާއިން ކަނޑައެޅި ތިންވަނަ ސަފީރެެވެ. އޭނާ ސަފީރުކަމުގައި ހުންނަވާތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭނާގެ ސަފީރުކަމުގައި ރާއްޖެއިން ދެއްވި އެއްބާރުލުމަށް ޖޭންގް ޝުކުރު ދަންނެވި އެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓްރީގެ ނަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިނުގެންނެވި ނަމަ އޭނާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީސް ކަމަށެވެ.