ކްރިމިނަލް ކޯޓް

ޖުމައްޔިލް އާއި ޕެސްޓްގެ ޝަރީއަތް މާދަމާ

މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖަމައްޔިލް ނިމާލުގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ޖުމައްޔިލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުންނެވެ.

ދައުލަތުން މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު 2:00 ގައެވެ. ޖުމައްޔިލް އަށް ތުހުމަތު ކުރާ މިމައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވުމުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވަނީ މިމައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މިމައްސަލައިގައި ދައުވާ ނުކުރަން ނިންމާފަ އެވެ.

މިމައްސަލައިގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ދައުވާ އުފުލާފައި މިވަނީ ޖުމައްޔިލްގެ ދެބެންގެދެދަރި އަންހެން ކޮއްކޮ އަކަށް ޖުމައްޔިލް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ އަންހެން ކުއްޖާ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައި ވަނިކޮށެވެ. އަންހެން ކުއްޖާ ތުހުމަތުކުރާ ގޮތުގައި ޖުމައްޔިލް އޭނާ އަށް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އުމުރުން 17 ގައެވެ.

ޖުމައްޔިލްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ. 

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ ޝަރީއަތުގެ އަޑުއެހުމެއްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މާދަމާ އޮންނާނެ އެވެ. އެއީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ އެވެ. ދެ އަޑުއެހުންވެސް އޮތީ ހެނދުނު 9:30 އެވެ.

ޕެސްޓަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ރަށްރަށަށް ސަޕްލައިކުރުމުގައި ހަަރަކާތްތެރިވާ މީހެއްކަމަށް ޕީޖީ ވަކީލު ވިދާޅުވެ އެވެ.

އެ ތުހުމަތުތަކަށް ޕެސްޓްގެ ވަކީލުން އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ވާތީ ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

ޕެސްޓުގެ ގާނޫނީ ވަކީލުން މީގެ ކުރީގެ ޝަރީއަތުގައި ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ދައްކާފަ އެވެ. ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށް ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ބަންދަށް ގާޒީ ލުޔެއް ނުދެއްވި އެވެ. މީގެ ކުރިންވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.