ދުނިޔެ

ޔުކްރޭން ބޯޓެއް އަފްޣާންގައި ހައިޖެކެއް ނުކުރޭ: ޔުކްރޭން

އަފްޣާންގައި ތިބި ޔުކްރޭން މީހުން އުފުލަން ދިޔަ މަތިންދާބޯޓެއް ހަތިޔާރުއެޅި ބަޔަކު އަރައި ހައިޖެކްކޮށް އިރާނަށް ގެންދިއަ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަކާ ގުޅިގެން ޔުކްރޭނުން ބުނީ އެއީ ބުހުތާން ގޮތެއް ކަމަށެވެ. އީރާނުން ވެސް ބުނީ އެކަހަލަ ހާދިސާއެއް ހިނގިކަން އެނގިފައި ނެތް ކަމަށެވެ.

ޔުކްރޭންގެ ރޭޑިއޯއަށް ވާހަކަ ދައްކަވަމުން އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ޔެވެހެނީ ހެނިން ވެސް ވަނި މި މޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ހައިޖެކް ކޮށްގެން އީރާނަށް ގެންދިއަ ޔުކްރޭންގައި މީހުން ތިބި އަދަދާއި އަދި އެއީ ކޮން ބައެއްކަން ވެސް ސާފުވެފައި ނުވާ ކަމަށެވެ.

ޔެވްހެނީ ވިދާޅުވި ގޮތުން އަފްޣާނުން މީހުން އުފުލަން ޔުކްރޭނުން ކުރި މަސައްކަތްތައް ކޮޅެއްގައި ނެޖެހުނެވެ. އެއީ ކަނޑައަޅާފައި އޮތް ގަޑިއަށް މީހުންނަށް އެއާޕޯޓަށް ނުދެވުމުންނެވެ.

އީރާންގެ ސިވިލް އޭވިއޭޝަނުން ބުނީ ކާބުލް އިން ދަތުރުކުރި މަތިންދާބޯޓެއް އިރާންގެ މަޝްހަދު އެއާޕޯޓުން ތެޔޮ އެޅި ކަމަށާއި އެއަށް ފަހު ދަތުރުކުރީ ޔުކްރޭންގެ ވެރިރަށް، ކިއެވް އަށް ކަމަށެވެ.

ޔުކްރޭން ބޯޓެއް ހައިޖެކްކުރި ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ނަމަވެސް ފޮރިން މިނިސްޓްރީގެ ތަރުޖަމާން އޮލެގް ނިކޮލެންކޯ ވިދާޅުވީ އެކަހަލަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކާބުލައި ނުވަތަ ދުނިޔޭގެ އެއްވެސް ތަނެއްގައި ޔުކްރޭން ބޯޓެއް ހައިޖެކް ނުކުރާ ކަމަށެވެ.

އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް އަށް އޮޅިގެން ފޮނުވާލެވުނު ދެ މިސައިލެއް އަރައި ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓެއް މިދިއަ އަހަރު ވަނީ ގޮވާފަ އެެވެ. އެއިން ދަތުރުކުރި އެކަކު ވެސް ސަލާމަތެއް ނުވެ އެވެ.