ދުނިޔެ

އީރާންގެ ގައުމީ ސަލާމަތާ ބެހޭ ސެކްރެޓަރީ ރަޝިއާއަށް

އީރާންގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ އަންނަ ހަފުތާގައި ރަޝިއާއަށް ވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެކްރެޓަރީގެ މި ދަތުރުގައި އަފްޣާނިސްތާންއާ ބެހޭ ގޮތުން ރަޝިއާ އަދި އަފްޣާނިސްތާނާ އެކު މަޝްވަރާ ކުރައްވާނެ އެވެ.

ޝަމްޚާނީ ވިދާޅުވި ގޮތުގައި މިއީ ކުރިއާލާ ރާވާފައި އޮތް ދަތުރެކެވެ.

އީރާންގެ އިސްފަހާނާގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއާ ބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ސެކްރެޓަރީ ވިދާޅުވީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން އެޖެންޑާކޮށްފައި އޮތްކަން އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އަފްޣާނިސްތާނާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އޮންނަ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތައް ދޭތެރެ ދޭތެއިން ބާއްވަ އެވެ.

ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް އެންމެ ފަހުން އޮތީ ތަޖިކިސްތާންގައި 2022 ވަނަ އަހަރު މޭ މަހު އެވެ. މި ބައްދަލުވުމުގައި އިންޑިއާ، އީރާން، ކަޒަކިސްތާން، ކްރިގިސްތާން، ރަޝިއާ، ތަޖިކިސްތާން، ތުރުކްމެނިސްތާން އަދި އުޒްބެކިސްތާންގެ މަންދޫބުން ބައިވެރިވި އެވެ.

އީރާން ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކު މިދުވަސްވަރު ރަޝިއާއަށް ދަތުރުކުރެއްވުމަކީ ޚަބަރުތަކަށް އަރާވަރުގެ ކަމެކެވެ. އެއީ ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި އިރާންއާ އެކު އަޑި ނޭނގޭ ގުޅުންތަކެއް އޮންނަ ކަމަށް ހުޅަނގުން ތުހުމަތުކޮށްފައި އޮންނާތީ އެވެ.

ރަޝިއާއަށް އިރާނުން ހަތިޔާރު ސަޕްޕަލައިކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް މި ދެ ގއުމުގެ ގުޅުމާ މެދު ދުނިޔެ ޝައުގުވެރިވާ ކަމެކެވެ. އަނެއްކޮޅުން އިސްފަހާނަށް ދިން ޑްރޯން ހަމަލާގައި ޔުކްރޭންގެ އަތެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ސަބަބުން ވެސް އީރާންއާ ގުޅިފައި އޮތް މަޝްރަހުގެ ޝައުގުވެރިކަން އިތުރުވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އިސްފަހާނަށް ދިން ޑްރޯން ހަމަލާ ރާވާއި ތަންފީޒްކޮށްފައި ވަނީ އިޒްރޭލުންނެވެ.