އީރާންގައި ޕާނުގެ އަގު ވަރަށް ބޮޑަށް އުފުލުން އާންމުން މަގުތަކަށް ނުކުމެ ހަޅުތާލުކޮށް ފިހާރަތަކުގައި ހުޅުޖަހައިފި އެވެ.
މައްސަލަ ފިނިކުރަން ނުކުތް ފުލުހުންނަށް ކިޔަމަން ނުވެ ގަަދަދެއްކި އެތައް ބަޔަކު މިހާރު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އޭގެ ތެރެއިން ކަންތައްގަނޑު ގޮޑުކޮށް އާންމުންނަށް ހިތްވަރުދިން މީހުންނަށް ކޮންމެވެސް ކަހަލަ ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އީރާންގައި ޕާނުގެ އަގު ކުއްލިއަކަށް އެހާ ބޮޑުވި ސަބަަކީ އީރާނަށް އެތެރެކުރާ ގޮދަނުން ސަބްސިޑީޒް ކަނޑާލުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުން ކުރިން ދިން ސަބްސިޑީޒް ކަނޑާލުމުން އަގުތައް 300 ޕަސެންޓަށް ވަނީ އުފުލިފަ އެވެ.
އީރާންގައި ކާބޯތަކެތި އަގުބޮޑުވެ އާންމުންގެ ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމަށް ވަނީ ބިރުހީވެފަ އެވެ. ސަރުކާރުން ބުނާ ގޮތުން އަގުހެޔޮ ކުރެވެން ހުރި ވައްތަރުތަކުން އަގުހެޔޮ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ސަރުކާރުން ބުނާ ގޮތުން ކާބޯތަކެތީގެ ގޮތުގައި އާންމުކޮށް ބޭނުންކުރެވޭ ބައެއް ތަކެތި ފިޔަވައި ކޮންމެ ކޮންމެ އެއްޗެއްގެ އަގު ތިރިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސަރުކާރުން އަދި ބުނީ އަސާސީ ބާވަތްތަކުގެ އަގު ހެޔޮކޮށްދޭނެ ކަމަށެވެ.
އީރާން ސަރުކާރުން ކާބޯތަކެތީގެ އަގަށް ބަލުގެނައުމުގެ ކުރިން ބައެއް ހިސާބުތަކުން އިންޓަނެޓް ކަނޑާލި ކަމަށް ޚަބަރުތައް ބުނެ އެވެ. އެއީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން މުޒާހަރާކުރަން ގޮވައި މީހުން ޖަމާކޮށްފާނެ ކަމަށް ބިރުންނެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދުނިޔެއަށް ކުރިމަތިވާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ލަފާކޮށްފަ އެވެ. ޔުކްރޭން އަކީ ދުނިޔެއަށް ވަރަށް ގިނަ އަދަދަކަށް ގޮވާން ބޭރުކުރާ ގައުމެކެވެ. އެހެން ނަމަވެސް ހަނގުރާމައިގެ ސަބަބުން ގޮވާން ބޭރުކުރެވޭނެ ގޮތެއް ނެތް ކަމަށް ޔުކްރޭންގެ ދަނޑުވެރިން ވަނީ ބުނެފަ އެވެ.
އީރާންގެ އޮފިޝަލުން ބުނާ ގޮތުން ކާބޯތަކެތީގެ އަގު އުފުލެން މެދުވެރިވީ އީރާގާއި އަފްޣާނިސްތާންގެ ސަބަބުންނެވެ. އީރާނުން އަގުހެޔޮކޮށް ވިއްކާ ޕާން ފަދަ ތަކެތި އިރާގަށާއި އަފްޣާނިސްތާނަށް ގެންގޮސް ބޮޑު އަގުގައި ވިއްކާ ކަމަށް އީރާނުން ބުނެ އެވެ.