ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައިގައި ރައީސް އޮފީހުން ކޮމިޝަނަށް އެއްވެސް އެންގުމެއް އަންގައިފިނަމަ އެކަމަކަށް ޖަވާބު ދޭނެ ކަމަށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލު ކޮށްފައި ވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް މިހާރު ވަނީ އަންގާފަ އެވެ. ރައީސް އޮފީހުން އެގޮތަށް އެންގީ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް އެ އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު، އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުއްވުމުން އެ އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީގަ އެވެ.
ރައީސް އޮފީހުގެ ސިޓީއާ ގުޅިގެން އަވަސް އިން ސުވާލުކުރެއްވުމުން އައްސަދު ވިދާޅުވީ ރައީސް އޮފީހުގެ ސިޓީއެއް ލިބިފައިވާ ނަމަ ކޮމިޝަނުން އެ ސިޓީ އަށް ޖަވާބުދީ ކަން އޮތް ގޮތް ސާފުކޮށްދެއްވާނެ ކަމަށެވެ. މިނިސްޓަރު މަހްލޫފްގެ މައްސަލާގައި ރައީސް އޮފީހުގެ ސިޓީއެއް އެ ކޮމިޝަނަށް ލިބުނު ކަމަކަށް އައްސަދު އެއްބަހެއް ނުވެ އެވެ.
"އަޅުގަނޑު މިދަންނަވަނީ ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި އޮތް ނަމަ އަޅުގަނޑަށް އެނގޭނެއޭ. އެ ސިޓީ ލިބިފައިވާނަމަ ސިޓީއަށް ހަމަ ޔަގީނުން ވެސް އަޅުގަނޑު ޖަވާބު ދޭނަން" އައްސަދު ވިދާޅުވި އެވެ.
މިނިސްޓަރު މަހްލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެއްގެ ބަޔާން ނެގީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން އައްސަދު އެ ސުވާލަކަށް އެެއްވެސް ޖަވާބެއް ނުދެއްވަ އެވެ. ކޮމިޝަންގެ ތަހުގީގެއް ހިނގަމުން ދަނިކޮށް ރައީސް އޮފީހަށް ވަކި އެންގުމެއް އެންގިދާނެތޯ ދެންނެވުމުން އައްސަދު ވިދާޅުވީ އެފަދަ އެންގުމެއް އަންގާފައި އޮތް ނަމަ އަމަލުކުރި ގޮތެއް ބުނަންވާނީ ރައީސް އޮފީހުން ކަމަށެވެ.
ރައީސް އޮފީހުގެ ސިޓީގައި މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް [މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް] ފޮނުވައިގެން ކަމަށްވީ ނަމަވެސް އެ އުސޫލުން ކަންކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު އަދިވެސް މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ޕީޖީ ވަކި ގޮތެއް ނުނިންމަވަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވި ދުވަހުން ފެށިގެން އޭނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރައްވާފަ އެވެ.