ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނުކުޅެދި ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން އެތައް ރައްޔިތުންނެއް މިދުނިޔެ ދޫކޮށްފައިވާއިރު އެކަންކަން ތަހުގީގުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވުމަށާއި ޒިންމާއާއި ހަވާލުވެގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް އިިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމް އާއި ޕީއެންްސީ ކޯލިޝަނުން މިއަދު ނެެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ބަލީގައި ދުނިޔެ ދޫކުރަމުން ދާ ރައްޔިތުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު އެކަންކަމަށް ސަމާލުވެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލު ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. އުމުރުން 10 އަހަރުގެ މިޝްކާ އާއި ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް ވަކިވެދިއުމަކީވެސް އެފަދަ އިހުމާލުގެ ނަތީޖާ ކަމަށް ވަނީ ބުނެފައެވެ.
"އަލްމަރްހޫމާ މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން އިމާޖެންސީގައި މާލެ ގެނެވުނު އިރު މަރްޔަމް އަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމް އަށް ފަރުވާ ދެވިފައިވަނީ އަތުން ޕަންޕުކޮށްގެން ކަން އާއިލާއިން ވަނީ ހާމަކޮށްފައި. ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރުވެފައިވާ ސަރުކާރުން އިމާޖެންސީގައި ހާލު ބޮޑު މީހަކު ފްލައިޓަކަށް އަރުވާ އިރު ފަރުވާއަށް ބޭނުންވާ އާލަތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމަ ހުރި ކަމެކެމެވެ،"
އިދިކޮޅުގެ ބަޔާނުގައި ވަނީ ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ އާއި މިކަމުގައި ފަރުވާތެރިވެ ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ ސުވާލު ކޮށްފައެވެ. އަދި ކޮވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ. ކޮވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރާނީ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯވެސް ސުވާލުކޮށްފައިވެއެވެ.