ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އަންގައިފި އެވެ. އެ ކޮމިޝަނަށް ރައީސް އޮފީހުން އެކަން އެންގީ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް އެ އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުއްވުމުން އެ އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީގައެވެ.
އެ ސިޓީގެ މައުލޫމާތު ކޮމިޝަންގެ އޮފިޝަލަކު ވަނީ އަވަސްއަށް ކަށަވަރުކޮށް ދީފައެވެ.
ރައީސް އޮފީހުގެ ސިޓީގައި މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް (މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް) ފޮނުވައިގެން ކަމަށްވީ ނަމަވެސް އެ އުސޫލުން ކަންކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައިވެސް އެކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މަހްލޫފްގެ މައްސަލައިގައި ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ވަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ލޯޔަރެއްގެ ފުރުސަތުވެސް ނުދީ އޭނަލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސްނަގާފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އިން ހެކިބަސްނަގަން ގުޅި ތަހުގީގު ވީޑިއޯކޯލްގައިވެސް އެމްބެސެޑަރު ފެނެއެވެ. އަދި ލަންކާ ހެކިވެރިޔާ ދިން ބަޔާން ޕްރިންޓްކޮށް އޭނަލައްވާ ސޮއިކުރުވީ ވެސް ރާއްޖެ އެންބަސީގައި އެންބަސަޑަރެވެ.
މި މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވަނީ އެކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ އެ ތަހުގީގަށް ސަފީރު ރައްޒާގުވެސް މާލެ ގެނެސްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ތަހުގީގު ރިޕޯޓް ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ.
އެކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ޔަގީން ކޮށްދެއްވިއެވެ. އަދި އެކަމާއި ގުޅިގެން ރައީސް އޮފީހުން މިހާރު ވަނީ އެކަން ރިޔާސީ ކޮމިޝަނަށްވެސް އަންގާފައެވެ.
މިކަމާއި ގުޅޭގޮތުން ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަށް ގުޅާ މެސެޖް ކުރުމުން އޭނާގެ ބަހެއް އަދި ނުލިބެއެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ އެންގުން ރަސްމީކޮށް އެ އޮފީހަށް އަދި ލިބިފައި ނެތް ކަމަށެވެ. އަދި ލިބުމުން ކޮމެންޓް ކުރައްވާނެ ކަމަށެވެ.
މަހްލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނަށް އަންގާފައިވާއިރު އެމްބަސީން އަމަލުކުރި ގޮތުގެ މައްސަލަ ލަންކާގެ ކަމާބެހޭ އިދާރާއަކުން ދަނީ ބަލަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން ސަފީރު ރައްޒާގު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ސަފީރު ރާއްޖެ ގެނައި ދެވަނަ ފަހަރެވެ.