ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްރޫހީޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ގާސިމްގެ ހިޔާލުފުޅު ފާޅު ކުރައްވާ ވީޑިއޯއެއް ޖޭޕީން ވަނީ ހިއްސާކޮށްފަ އެވެ. ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހިންގާ ބޮޑުވަޒީރަކު ހުންނެވުމުން ހިތި ނަތީޖާ ފެނިގެން ދިޔަ ކަމަށެވެ. އޭރު ގައުމަށް ދިމާވި ގޮންޖެހުންތައް ވެސް އޭނާ ދެކެވަޑައިގަތް ކަމަށެވެ.
ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރާއި ރައީސްގެ މެދުގައި ހިންހަމަ ނުޖެހުން އުފެދި އަރައިރުންވާ މަންޒަރު ފެނިފައިވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ބޮޑު ހަރަދުތަކެއް ވެސް ކުރަން ޖެހޭނެ ކަމަށެވެ.
"ބަރުލަމާނީ ނިޒާމުގައި ހުންނަ ރައީސަކީ އެއްވެސް ބާރެއް ނެތް މީހެއް. އޭނަ ދެން ހަރަދު ކުރަން ކީއްކުރަން ބަހައްޓާ މީހެއް. ދައުލަތް މިހާރު ވެސް މި އުޅެނީ ދެކޮޅު ނުޖެހިގެން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމް ބޭނުން ވެގެން ހަމައެކަނި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި "އޭނާގެ އަވައިގައި" ޖެހިގެން އުޅޭ ބަޔަކު ޕެޓިޝަނެއް ހަދައިގެން ވެސް އުޅޭ ކަމަށެވެ.
ބަރުލަމާނީ ނިޒާމްގައި ކުޑަ ދާއިރާއަކުން އަންނަ މެމްބަރަކަށް ވެސް މަޖިލީހުގެ 51 ފަސެންޓް އަޣުލަބިއްޔަތު ލިބުމުން ބޮޑު ވަޒީރުކަމުގައި ވެރިއަކަށް ވެވޭނެ ކަމަށާއި މިއީ ރައްޔިތުން ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "ބަރުލަމާނީ ނިޒާމަކީ ވަރަށް ހަމަނުޖެހޭ" ނިޒާމެއް ކަމަށެވެ.
ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު ރަށްޔިތުންގެ ގާތަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެމީހުން ކަންބޮޑުވުންތައް އަހައި ކޮމިޓްމަންޓްތައް ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށާއި އެއިން ރައްޔިތުންނަސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.
"އަޅުގަނޑުގެ އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރާށޭ،" ގާސިމް ވިދާޅުވި އެވެ.