އަލީ ވަހީދު

ޔޫކޭގައި އަލީ ވަހީދު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފި އެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމު މިއަދު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ. މިއަދު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޭނާ ހައްޔަރު ކޮށްފައި މިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްގެ ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވެސް ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ 9:00 އަށް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމެއް ވެސް ވަނީ ތާވަލްކޮށްފަ އެވެ.