ޝިދާތާ ޝަރީފު

ޝިދާތާ، އެމްއެންޕީއާ ގުޅިއްޖެ

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގެންފި އެވެ.

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ޝިދާތާ ވަނީ އެ މަގާމުންނާއި އަދާލަތުގެ މެންބަރުކަމުންވެސް ވަކިވެވަޑައިގެންފައެވެ. އަދި އެމްއެންޕީއާ ގުޅިވަޑައިގަންނަވާނެކަން ހާމަކުރައްވާ ބަޔާނެއް ނެރުއްވިއެވެ.

ޝިދާތާގެ ނިންމެވުން ތަފްސީލު ކޮށްދެއްވާ ނެރުއްވި އެ ބަޔާނުގައި ވިދާޅުވީ ސިޔާސީ ފުރަތަަމަ ފިޔަވަޅާއެކު އަދާލަތުގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަަޑަައިގެންނެވި ކަމަށެވެ. އަދި ސިޔާސީ ޝަހުސިއްޔަތު ބިނާ ކުރެެެއްވުމަށް އެ ޕާޓީގެ ތެރެއިން ލިބިވަޑަައިގެންނެވި ފުުރުސަތާއި އަދާލަތުގެ ދައުރު ދުވަހަކުވެސް ދުރު ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކަށް ދިއުމަށް އިތުރު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާ އަދި އައު މިސްރާބަކުން ހިނގާން ޖެހޭ ކަމަަށެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ މިއަދު ވަނީ އެމްއެންޕީއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް އެ ޕާޓީގެ ފައުންޑާ މުހައްމަދު ނާޒިމްއާ ހަވާލުކުރައްވާފައެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކީ ޝިދާތާ އެވެ. އެކަމަނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ސޯލިހް ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެންޕެއިންގައި އަދާލަތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޝިދާތާ އެވެ. ނަމަވެސް އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސަރުކާރުންވެސް އަދި އަދާލަތު ޕާޓީންވެސް ޝިދާތާގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މަޖުބޫރުވެވަޑައިގެންނެވެ.