ކްރިމިނަލް ކޯޓް

ހެކި ހުށައަޅަން ޕެސްޓަށް އިތުރު މުއްދަތެއް

Aug 25, 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ ފަރާތުން ދީފާއީ ހެކި ހުށައަޅަން އިތުރު ފުރުސަތެއް ދީފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މިއަދު އޮތެވެ. އެއީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ އެވެ. ދެ އަޑުއެހުންވެސް އޮތީ ހެނދުނު 9:30 އެވެ.

މި އަޑުއެހުމުގެ ޕެސްޓްގެ ގާނޫނީ ވަކީލު ވަނީ ހެކި ހުށައަޅަން ކުރީން ދީފައި އޮތް މުއްދަތު އިތުުރުކޮށް ދިނުމަށް އެދިފައެވެ. އެކަމަށް އެދުނީ އެ މުއްދަތު މިހާރު ހަމަވެފައިވާތީ އެވެ. އެ ހުށައެޅުމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ފުރުސަތު ދިނުމަށް ނިންމާފައެވެ. އެ ގޮތުން ދިފާއީ ހެކި ހުށައެޅުމަށް އޭނާއަށް ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

ޕެސްޓަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ރަށްރަށަށް ސަޕްލައިކުރުމުގައި ހަަރަކާތްތެރިވާ މީހެއްކަމަށް ޕީޖީ ވަކީލު ވިދާޅުވެ އެވެ.

އެ ތުހުމަތުތަކަށް ޕެސްޓްގެ ވަކީލުން އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ވާތީ ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

ޕެސްޓުގެ ގާނޫނީ ވަކީލުން މީގެ ކުރީގެ ޝަރީއަތުގައި ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ދައްކާފަ އެވެ. ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށް ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ބަންދަށް ގާޒީ ލުޔެއް ނުދެއްވި އެވެ. މީގެ ކުރިންވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.