ކުޅިވަރުގައި ވެސް އެންމެންނަށް ފުރުސަތު ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސް ވާދަކުރާ ރާއްޖެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ޓްވީޓް ކުރައްވާފައިވަނީ ޕެރަލިމްޕިކް ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޓީމު ދިވެހި ދިދައާއި އެކު ފެނިގެންދާ ވީޑިއޯ ކްލިޕަކާ އެކު އެވެ.
ރައީސް ވިދާޅުވީ އެހެން ދާއިރާތައް ފަދައިން ކުޅިވަރުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުރިހާ އެންމެންނަށް ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. ޕެރަލިމްޕިކް ގޭމްސްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީމެއް ބައިވެރިވުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންދާ ޝަރަފަކާއި ފަޚުރެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ދުވުމުގެ އިވެންޓުތަކުގެ ތެރޭގައި ހިމެނޭ 100 މީޓަރު ސުޕްރިންޓުގަ އެވެ. މި އިވެންޓުގައި ބައިވެރިވާ ރާއްޖޭގެ ހަމައެކަނި ދެ އެތުލީޓުންނަކީ ލޯފަން ދެ ކުދިން ކަމުގައިވާ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމް އެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި ޕެރަލިމްޕިކް ގޭމްސް ކުރިއަށްދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއެއްް އުފެއްދީ ވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން 2019 ވަނަ އަހަރު އެވެ.
ޕެރާ އެތުލީޓެއްގެ ގޮތުގައި ރާއްޖޭގެ އެތުލީޓަކު ފުރަތަމަ ފަހަރަށް މުބާރާތެއްގައި ބައިވެރިވީ 2019 ވަނަ މޮރިޝަސްގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އެ ފަހަރު ވެސް ރާއްޖެ ތަމްސީލް ކުރީ މުހައްމަދު މާޒިން އެެވެ. އޭނާ ވަނީ މުބާރާތުގައި ރާއްޖެއަށް ބްރޮންޒް މެޑަލް ހޯދައިދީފަ އެވެ.