އެމްޑީޕީ

އެމްޑީޕީ އިންތިހާބުގައި 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. އިންތިހާބާއި ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ މި އިންތިހާބުގައި 735 ކެންޑިޑޭޓުން އެކި ދާއިރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މިއަދު އާންމު ކުރާނެ ކަމަށެވެ.

އެމްޑީޕީ ތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބު ބޭއްވުމަށް މިފަހަރު ގާތްގަނޑަކަށް 900 އޮފިޝަލުން ބޭނުންވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މި އިންތިހާބުގައި ރާއްޖޭގެ އެކި ދާއިރާތަކުގައި ގާތްގަނޑަކަށް 300 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 93،0354 މެމްބަރުނެވެ. ފައިނަލް ވޯޓާސް ލިސްޓް ވެސް އާންމުކުރަން ވަނީ ނިންމާފަ އެވެ.

ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް އެމްޑީޕީން މިހާރު ވަނީ ނުވަ މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެ މެންބަރުންގެ ތެރޭގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އަދި އެޑިޔުކޭޝަން މިނިސްޓަރި ޑރ. އައިޝަތު އަލީ ހިމެނެ އެވެ. އިންތިހާބު ކުރިއަށް ގެންދާނީ އެ ކޮމެޓީންނެވެ.

ހަސަން އިތުރަށް ވިދާޅުވީ އިންތިހާބާ ގުޅިގެން 17 ޝަކުވާއެއް ހުށަހެޅި ކަމަށެވެ. އެ ޝަކުވާތައް ބަލައި މިހާރު މެމްބަރުންނަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެމުން ގެންދާ ވަގުތެއްގައި އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ.