ހަސަން ލަތީފް

"ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ކުރާ މަސައްކަތުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ނަޝީދު މެންބަރު ކަމުން ވަކިކުރުމާ ގުޅޭ މައްސަލައެއް މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މިމައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ މެންބަރު ކަމުން ވަކިކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހުގައި ކުރި މަސައްކަތް ކާމިޔާބު ނުވީ ސަރުކާރުން ބޭނުންވާ އަދަދަށް މެންބަރުންގެ ވޯޓު ނުލިބުމުން ކަމަށެވެ.

"[އެހެންވެ] މިހާރު އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް،" ހަސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނަޝީދު މެންބަރު ކަމުން ވަކިކުރަންޖެހޭ ގާނޫނީ އަސާސެއް ނެތަސް މިކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވާ ސަބަބުތަކެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ތޯލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ނަޝީދު، ކޮޕް ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މެންބަރުން މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަން ބަޔާންކުރާތީ ތޯލިބު ހުށަހެޅުއްވި މައްސަލަ ހުށަހަޅުއްވާފައިވަނީ އެ މާއްދާއަށް ބިނާކޮށްފަ އެވެ. އެގޮތުން މެންބަރުން އަމަލުކުރަންވާނީ ގައުމީީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމު ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އެ މާއްދާގައިވެ އެވެ.

ގާނޫނު އަސާސީ އާއި ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްގެ ގޮތުގައި ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ކޮޕް ސަމިޓްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވީ ސްރީލަންކާގެ ގައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ފުރާވަޑައިގެންނެވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިސްރުން އިޓަލީއަށް ވަޑައިގަތުމަށް މިހާރު ވަނީ ދަތުރު ފައްޓަވާފަ އެވެ.