އެމްޑީޕީ

ސުޕްރީމް ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބެއް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދިއުމުން އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ކޮށްފައިވާ ހުކުމަކީ އެ ޕާޓީއަށް ލިބުނު ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނިންމާ އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް ފިޔަވާ އެހެން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މަޖިލީހުގެ ގަވައިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަމަށާއި މަޖިލިސް ހުއްޓިގެންދާ ގޮތަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ. މިއީ އެމްޑީޕީން ކޯޓުގައި ވަކާލާތު ކުރި ގޮތެވެ.

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދުނު ދެވަނަ ކަމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންގޮސް ދެން އެހެން އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމެވެ. ކޯޓުން މިކަމުގައި ނިންމާފައިވަނީ އިންތިހާބީ ރައީސް ހުވާކުރެއްވުމާއި، ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި، ވަޒީރުންނަށް ރުހުން ދިނުން ފަދަ ބޮޑެތި މައްސަލަތައް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރެއް އޮތް ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، ރާއްޖޭގައި މި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށެވެ.

"އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި”މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެކެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރުން ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރަންވެސް ހަނދާންކޮށްދީފައިވެ އެވެ.

"ދިވެހި ރައްޔިތުންގެ އެންމެހައި ހައްގުތަކަށް ރައްކާތެރިވެ ގާނޫނުއަސާސީން އަޅުގަނޑުމެންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބޭނެ ކަމުގައްޔާއި، އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްމެ، ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.