ބަރުލަމާނީ ނިޒާމް

ޕެޓިޝަނަކީ އެމްޑީޕީގެ ނިންމުމެއް ނޫން: ހަސަން ލަތީފް

Aug 26, 2021
1

ބަރުލަމާނީ ނިޒާމު ގެންނަން ޕާޓީގެ މެމްބަރުން ސޮއިކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީގެ އެއްވެސް ގުނަނަކުން ނިންމައިގެން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރަސްމީކޮށް އެމްޑީޕީން މަސައްކަތް ކުރާނަމަ މިއަށްވުރެ ވަރުގަދައަށް އެކަން ކުރާނެ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީ ތެރެއިން މެމްބަރުންތަކެއް ބޭނުންވެގެން ކުރާ ކަމެއް ކަމަށާއި މިކަމުގައި ޕާޓީގެ އެންޑޯސްމެންޓެއް ނޯންނާނެ ކަމަށެވެ. އެ ޕެޓިޝަނަކީ އެންޖީއޯ އަކުން އިސް ނަގައިގެން ސޮއިކުރަމުން ގެންދާ ޕެޓިޝަނެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރުގޭގައި ޕެޓިޝަނުގެ މަސައްކަތްތައް ކުރަމުން ދާތީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ގިނަ މެމްބަރުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ހަސަން ވިދާޅުވީ ޕެޓިޝަނުގެ މަސައްކަތް އެމްޑީޕީގެ އޮފީސް ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ހަރުގެ އަކީ ހުރިހާ މެމްބަރުންނަށް ވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށެވެ.

އެ ހަރަކާތް ހިންގަން އެ މެމްބަރުން ހުއްދަ ނެނގި ކަމަށާއި އެކަން ކުރުމަށް އެމީހުންނަށް ޖާގަ ދީފައިވާނެ ކަމަށެވެ. ނަަމަވެސް ފޮޓޯ ކޮޕީ ނެގުމާއި ސައި ބަޖެޓް ފަދަ ކަންކަން ހަމަޖައްސައި ދިނުމަށް އެދުމުން އެކަމަށް އިންކާރުކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. ސަބަބަކަކީ އެއީ އެމްޑީޕީގެ ރަސްމީ މަސައްކަތަކަށް ނުވުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް މިކަމުގެ ތެރޭގައި އުޅޭކަން. އެކަމަކު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީއަކުން އެންޑޯޒެއް ނުކުރޭ. އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ މިއަށްވުރެ ސާފުކޮށް، މިއަށްވުރެ ރަނގަޅަށް ކުރާނެ. އެހެންވީމާ މިއީ އެއްގޮތަކަށްވެސް އެމްޑީޕީގެ މެމްބަރެއް ނޫން. އަޅުގަނޑަށް އެނގޭ ގިނަ މެމްބަރުންތަކެއް ބައިވެރިވެގެން އުޅޭކަން،" ހަސަން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އެމްޑީޕީގެ ބަޔަކު ހަދާފައިވާ ބަރުލަމާނީ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރެއްވުމަށް ރައީސް ނަޝީދު މިހާރު ވަނީ އެދިވަޑައިގެންފަ އެވެ. ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ދަންނަވާފަ އެވެ.

ޕެޓިޝަން ހުށަހެޅި ނަމަވެސް ރާއްޖޭގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.