ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރަނީ ބަރުލަމާނީއަށް: ނަޝީދު

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަަށް ގިނަ މެންބަރުން ތާއީދު ކުރަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ކަމަށް ބުނާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ޕެޓިޝަނެއް ހަދަމުންދާ ދަނޑިވަޅުގައި ރައީސް ނަޝީދު މިރޭ ފޮނުއްވެވި އެ މެސެޖްގައި ވިދާޅުވީ ބަރުލަމާނީ އަކީ ވަކި ޕާޓީއެއްގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް އެބަ ބަދަލުވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ސީދާ ކޮން ކަމަކަށް ކަމެއް ސާފު ކޮށެއް ނުދެއްވައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަންވެސް ނަޝީދު މިހާރު ވަނީ ނިންމަވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ތާއިދުކުރައްވާނެ ކަމަށެވެ.

ބަރުލަމާނީ ޕެޓިޝަންގައި ނަޝީދަށް ވަފާތެރި 14 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.