އިސްލާމިކް މިނިސްޓްރީ

ނޫސްވެރިން އަދާކުރަނީ ދީނީ އަދި ގައުމީ ވާޖިބެއް: ހުތުބާ

ނޫސްވެރިންނާއި ހަބަރުތައް ގެނެސްދޭ މީޑިއާތަކުން އަދާކުރަމުން ގެންދަނީ ވަރަށް ބޮޑު ދީނީ އަދި ގަައުމީ ވާޖިބެއް ކަމަށާ ނޫސްވެރިން އަދާކުރާ ހަގީގީ ވާޖިބަކަށްވާންވީ އެއްވެސް އޮޅުވާލުމެއްނެތި ސައްހަ ހަބަރާއި ތެދު މައުލޫމާތު ފޯރުކޮށްދީ މަގު ދެއްކުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ހަބަރުފެތުރުމުގެ ޝަރުއީ ހަމަތައް" މި މައުލޫއަށް މިއަދު މުޅިރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ދުނިޔެ ހުޅުވި އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް އެނގެން އޮތް މި ދުވަސްވަރު ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ކީރިތި ގުރުއާނުގައި ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި މިފަދަ ވާހަކަތައް ގަބޫލުކުުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ ގިނަ މިސާލުތަކެއް ވަނީ ބަޔާންކޮށްދީފައެވެ.

ދޮގު ހަބަރު ފެތުރުމާއި ދޮގު ވާހަކަތައް ދެއްކުމުގެ ނުބައިކަމާއި އެކަންކަމުގެ ސަބަބުން އުފެދޭ ފިތުނަވެރިކަން ބޮޑުކަމުން މާތްﷲ ވަނީ އެކަންކަން މަނާކުރައްވާފައި ކަމަށާ އަދި ސާބިތު ނުހިފޭ ޔޯލަ ވާހަކަތައް ދެއްކުންވެސް ނަހީ ކުރައްވާފައިވާ ކަމަށެވެ.

"ތެދު ދޮގެއް ބެލުމެއްނެތި މީޑިއާތަކުން ފެންނަހާ އެއްޗަކަށް ލައިކުކޮށް ޝެއާ ކުރުމާއި ރީޓްވީޓް ކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމެކެވެ. ފޯރުކޮށްދޭ ހަބަރެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް ގެއްލުމެއް ލިބިގެން ނުވާނެއެވެ،"

އަދި މުޖްތަމައުގެ ތެރޭގައި ހިނގާ ތަފާތު ކަންކަމުގެ މަައުލޫމާތާއި ހަބަރުތައް އެހެން މީހުންނަށް އަންގައިދީ ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ ނޫސްވެރިންނާއި ހަބަރުތައް ގެނެސްދޭ މީޑިއާތަކުން އަދާކުރަމުން ގެންދާ އެ ޒިންމާއަކީ މުޖްތަމާއި ފަރުދުން އިސްލާހު ކުރުމުގެ ޒިންމާއެއް ކަމަށްވެސް ހުތުބާގައިވެއެވެ.

"މާތްﷲގެ ދީނަށާއި އެ ދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށްގެން ނުވާނެ އެވެ. އަދި ތިމާ ފަތުރާ ހަބަރަކުން އެއްވެސް މީހެއްގެ އިއްޒަތާއި އަބުރަށް އުނިކަމެއް އައިސްގެން ނުވާނެ އެވެ. އެއްވެސް މީހެއްގެ ޒާތީ ކަންކަމުގެ މައުލޫމާތު އާންމުކޮށް ހާމަކޮށްގެން ނުވާނެ އެވެ. މިއީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމެވެ.

ހުތުބާގައި ބުނެފައިވަނީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން މިއަދު ވަރަށް ގިނައިރު ސޯޝަލް މީޑިއާގެ ކޮންމެ ވަސީލަތެއް ބޭނުންކުރި ނަމަވެސް އެކަން ކުރަން ޖެހޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އޮންނަ އިމުގެ ތެރެއިން ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީޑިއާތަކުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހިންގެ ރީތި އާދަކާދައާ ހިލާފު މަންޒަރުތަކާއި ހަބަރުތައް ގެނެސްދެމުން ގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން މުޖްތަަމައުގެ އަހުލާގީ ފޭރާން ވީދި ޒުވާނުންގެ އުޅުމާއި ސުލޫކަށް ނުރަނގަޅު އަސަރު ކުރުވާ ކަަމަށެވެ. އެކަންކަމުން ދުރުވުމަށް ހުތުބާގައި ވަނީ ގޮވާލާ ނަސޭހަތްތެރިވެފައެވެ.

"ދޮގު ހަބަރު ފަތުރާ މީހާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެކެވެ. އެއީ ފަރުދުންނާއި މުޖްތަމައުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ މީހެކެވެ. އިސްލާމްދީނުގައި ވަނީ މިކަންކަން ވަރަށް ބޮޑަށް ނަހީ ކުރައްވާފައެވެ. އޭގެ ސަބަބުން މުޖްތަމައުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގެއްލި ފިތުނަ އުފެއްދުމަށް މަގު ފަހިވާތީ އެވެ. އެއީ ގައުމުގެ ވަހުދަތު ނަގާލުމެވެ،" ހުތުބާގައިވެއެވެ.