އީޕީއޭ

ބޯޓަށް ފުރޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓަކާއެކު: އީޕީއޭ

ކ. ރަސްފަރި ފަރަށް އުރުނު ބޯޓު ދޫކޮށްލާނީ އެ ބޯޓު ފަރަަށް އެރުމުން ލިބުނު ގެއްލުންތަކަށް ބަދަލުދޭން 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

އީޕީއޭގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ބޯޓު ރާއްޖެއިން ފުރުވާލުމުގެ ކުރިން ފަރަށް ލިބުނު ގެއްލުންތައް ބަލަން ބޭނުންވާ ކަމަށެވެ.

އަދި ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ ކުރިން ބޯޓު ފުރަން ބޭނުންނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން ބޯޓު ދޫކޮށްލާނެ ކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުންތަކުގެ އަދަދު 100 މިލިއަނަށް ވުރެ ދަށްވާނަމަ އިތުރުވާ ފައިސާ އަނބުރާ ދައްކާނެ ކަމަށެވެ.

ތިމާވެށީގެ ގާނޫނު ބުނާގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.

ފަރަށް އެރި ބޯޓު އަދިވެސް އޮތީ ފުން ނުކޮށެެވެ. އީޕީއޭގެ އޮފިޝަލު ވިދާޅުވީ މޫސުން ރަނގަޅުނަމަ ދެތިން ދުވަހެއްގެ ތެރޭގައި ބޯޓު ފުންކުރެވޭވަރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޯޓު ފުން ކުރުމަށް 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސްފައި ވެއެވެ. އޭގެ އިތުރުން ބޯޓު ފުންކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ވަނީ ހޯދައިފަ އެވެ.

އެމްއެންޑީއެފްއިން ބުނީ ބޯޓު ފަރަށް އެރީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.