ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މަހިބަދޫ އާއިއެކު 17 ރަށެއް ބަންދުގައި

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އދ. މަހިބަދޫއަށް އަރާ ފޭބުން މަނާ ކޮށްފި އެވެ.މިއާއިއެކު ބަންދުގައިވާ ރަށްތަކުގެ އަދަދު ވަނީ 17 އަށް އަރާފަ އެވެ.

ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ތިން ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މި މަހުގެ ބަންދު ކުރި 13 ރަށެއް މި ލިސްޓުގައި އަދިވެސް ހިމެނެ އެވެ. އެއީ އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. ގައްދޫ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ.މުންޑޫ، ށ. މިލަންދޫ އެވެ. އަދި އދ. މަލިބަދޫ އެޗްޕީއޭއިން ބަންދުކުރީ މިއަދު އެވެ.

މި ރަށްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ އަކީ ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތުމަށްފަހު ހުޅުވައިލި ރަށެކެވެ. އެރަށުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު ހާލަތު ރަގަޅުވުމުން ރަށް ހުޅުވައިލީ މިދިޔަ މަހުގަ އެވެ. ނަމަވެސް މަހެއް ނުވަނީސް އަނެއްކާ އެރަށް ބަންދުކުރީ މިދިޔަ ހަފްތާގަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 103 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 80،539 އަށް އަރާފަ އެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 68 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 15 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.