ހިޔާ ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓު ދޫކުރަމުން އަންނައިރު މާދަމާ ކަރަންޓު ދޫކުރަނީ ނުވައެއް އަދި ދިހަވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކަށް ކަރަންޓް ދެމުންނެވެ.
ފްލެޓްތަކަށް ކަރަންޓު ދެވޭ ވަރުން އެޗްޑީސީން އަންނަނީ ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ފްލެޓަށް ހާޒިރުވާން ޖެހޭ ގަޑި އަންގަމުންނެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ގަޑިއަށް ހުރިހާ ފަރާތްތަކުންވެސް ހާޒިރުވުމަކީ އިލްތިމާސެއް ކަމަށެވެ. އަންނައިރު ފްލެޓް ތަޅުދަނޑި ހިފައިގެން އައުމަށްވެސް ވަނީ އެދިފަ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ނުވަވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެޗްޑީސީ އާއި އެކު ސޮއިކޮށް، ނަމަވެސް ސްޓެލްކޯއާއި އެކު ސޮއިނުކުރާ މީހުންނާ އެކީ ސޮއިކުރުން ވެސް ކުރިއަށް ދާނެ ކަމަށެވެ. ސޮއިކުރުން އޮންނާނީ އެކުންފުނީގެ ހުޅުމާލެ ބްރާންޗްގަ އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ތަޅުދަނޑި ހަވާލުކުރަމުން ދާއިރު އެތަންތަނުގައި ދިރިއުޅެން ފެށުމުގެ ކުރިން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެކަމަށް މި އަހަރުގެ ނިޔަލަށް އެޗްޑީސީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.