އިސްލާމީ މުޖުތަމައުތައް މިއަދު ބައިބައި ކޮށްލަނީ ލާދިނީ މީހުން އަޑީގައި ތިބެގެން އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުމުގައި ތިބޭ މީހުންނަށް ފަންޑުކޮށްގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ކުލަބްހައުސްގައި ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކުން ފައިސާ ހޯދައިގެން ލާދީނީ މީހުން އަޑީގައި ތިބެގެން އިސްލާމީ މުޖުތަމައުތައް ބައިބައިކޮށްލަނީ އެ މުޖުތަމައުތަކުގައި ދިރިއުޅޭ ހަރުކަށި މީހުންނަށް ފައިސާ ދީގެން ކަމަށެވެ.
ޝަހީމް ވިދާޅުވީ އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމައުތައް ބައިބައިކޮށްލުމަށް ހުޅަނގުގެ ދައުލަތްތަކުން ހިންގާ ހަރަކާތްތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. ހުޅަނގުގެ މިހާރުގެ ވިސްނުމަކީ އެ މީހުންގެ މީހުން އަޅުގަނޑުމެންގެ ތެރެއަށް ފޮނުވައިގެން ބައިބައި ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދީނުގެ ނަމުގައި އުފައްދައިގެން ތަފާތު ނަންނަމުގައި ކުރިއަށް ނެރެ ބައިބައިކޮށްލުން ކަމަށެވެ.
"މިފަދަ ކޮންމެ ކަމަކީވެސް އަޅުގަނޑުމެން ފިކުރީ ހަނގުރާމައެއްގައި ބައިތިއްބަންވެގެން ދީނުގެ ދުޝްމަނުން އިންތިޒާމީ ގޮތެއްގައި ކުރާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ބައިބައިކޮށް ނިކަމެތިކޮށްލުމަށް ވެސް ދީނުގެ ނަމުގައި ނުރައްކާތެރި ދެ ފިކުރު ފަތުރަމުންދާ ކަމަށެވެ. އެގޮތަށް ފަތުރާ ދެ ފިކުރު ކަމުގައިވާ ހަރުކަށި ފިކުރާއި ލާދީނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ވެސް އޮތުމުން އެކަމަށް ސަމާލުވުމަށް ޑރ. ޝަހީމް ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ މުޖުތަމައުތައް ބައިބައިކޮށްލުމަށް މަސައްކަތް ކުރާ މީހުންގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމް ދީނަކީ ނުރައްކާތެރި ދީނެއް ކަން މީހުންނަށް ވިސްނައިދީ ނަފްރަތު އުފެއްދުން ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން ބައިބައިކޮށްލުމަށް ބޭނުންކުރާ ދެ ފިކުރާ ދެކޮޅަށް މަސައްކަތްކޮށް އެފަދަ ފިކުރުތައް ފަތުރަން އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް ޑރ. ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.