އެމްޑީޕީ

އެމްޑީޕީގެ ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ފަސްކޮށްފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ފަސްކޮށްފި އެވެ. މިރޭ ކުރިއަށް ގެންދަން ނިންމާފައި އޮތް އެ އިންތިހާބު ފަސްކުރަން ނިންމީ އެމްޑީޕީގެ 181 ވަނަ ގައުމީ މަޖިލީހުގައެވެ.

ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ވަނީ ދެ ހުށައެޅުމެއް ހުށައަޅާފައެވެ. އެއީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު، ވޯޓްލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށާއި އެ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ވޯޓްލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށް ހުށައެޅި ހުށައެޅުމަށް 100 މެންބަރުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 15 މެންބަރުންނެވެ. އެ ވޯޓްގައި ޖުމްލަ ބައިވެރިވީ 116 މެންބަރުންނެވެ.

އިންތިހާބުގެ ވޯޓް ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ތާއީދުކޮށް ވޯޓްދީފައިވެއެވެ. ސިއްރުކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވަނީ ވޯޓްދީފައެވެ. އެ ވޯޓްގައި ބައިވެރިވީ 118 މެންބަރުންނެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގައި ނުވަ މެންބަރުން ހިމެނެއެވެ. އިންތިހާބަށް 18 މީހަކު ވަނީ ކުރިމަތިލާފައެވެ.

މިރޭގެ ގައުމީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރީން މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ބައެއް މެންބަރުން ވަނީ އެ ދެ ވޯޓަށް ނޭހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތާމެދުވެސް ސުވާލުތައް އުފެއްދި އެވެ.

ރިޔާސަތުގައި އިންނަވައިގެން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ޖަވާބު ދެއްވާފައެވެ. ހަސަން ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ފިޒިކަލީ ހާޒިރުވެގެން އަދި ވޯޓް ސިއްރުކޮށްގެން ކުރިއަށް ގެންދަން ގައުމީ މަޖިލީހަށް ނިންމޭނެ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ އެޕްލިކޭޝަން ހުށައެޅި ތަރުތީބުން ކަމަށް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ކެންޑިޑޭޓުން ފޯމް ހުށައެޅީ އޮންލައިންކޮށް ކަމަށްވާތީ ހުށައެޅި ތާރީހާއި ގަޑި ފެންނަން ހުންނާނެ ކަމަށެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (އަންނި)، އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ މުހައްމަދު ރަޝީދު (ބިގޭ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހޫނު ރައްދެއް ވަނީ ދެއްވާފައެވެ.

އިންތިހާބަށް އަމާޒުކޮށް ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި މެސެޖްތަކެއް ލިޔުއްވާފައެވެ. އެއް މެސެޖްގައި ވިދާޅުވީ އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވަނީ ރަައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ކަމެއް ކުރާން ކަމަށް ވިދާޅުވެ މެންބަރު ރަޝީދު ދައްކަވަނީ ހުސް ދޮގު ވާހަކަ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕްގެ ތެރޭގައި އަޅުގަނޑާއި އާރުޖޭ [ރައީސުލްޖުމްހޫރިއްޔާ] އާ ޖެއްސުމަށް ދައްކާ ވާހަކަތަކެއް. މި ވާހަކަތައް ގަބޫލު ނުކުރެއްވުމަށް އެދެން،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓްގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭގެ އިންތިހާބުގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މެންބަރު ރަޝީދުވެސް ވަކި މެންބަރުންތަކެއްގެ ލިސްޓެއް ގެންގުޅުއްވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ އެ ލިސްޓަށެވެ.

މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓަކީ އެމްޑީޕީގެ އިސް ލީޑަރު އަަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް އަދި އެމަނިކުފާނު، ފަނޑިޔާރުންގެ މަަޖިލީހަށް އިންތިހާބު ކުރުމަށް ބޭނުންވާ މެންބަރުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ރަޝީދަކީ، ރައީސް ސޯލިހްގެ ޅިޔަނެކެވެ.