ރައްޔިތުންގެ މަޖިލިސް

ފްލެޓް ވިއްކާ އިރު 15 ޕަސެންޓް ޓެކްސް ނަގަން ކޮމިޓީ އިން ފާސްކޮށްފި

Nov 25, 2015

ފްލެޓް ވިއްކާ އިރު، ވިއްކާ އަގުގެ 15 ޕަސެންޓްގެ ޓެކްސްއެއް ނަގާ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން އިގްތިސާދީ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ އިސްލާހު ގެންނަން ފާސްކޮށްފައި މި ވަނީ ބަޖެޓް ރެކޮމަންޑޭޝަންގެ ގޮތުގައި ސަރުކާރުން އެ އިސްލާހު މަޖިލީހަށް ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ، ވިއްކާ އިމާރާތްތަކާއި ފްލެޓްތައް ވިއްކާ ޖުމްލަ އަގުން 15 ޕަސެންޓް ސަރުކާރަށް ޓެކްސްގެ ގޮތުގައި ދޭން ޖެހޭނެ އެވެ. މިހާރު ވެސް އެފަދަ މުއާމަލާތްތަކުން ހަ ޕަސެންޓްގެ ޖީއެސްޓީއެއް ނަގަ އެވެ.

ކޮމިޓީ އިން މި ޓެކްސް ނަގަން ފާސް މި ކުރީ ރިއަލް އެސްޓޭޓްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެިރިން އެ ޓެކްސްއާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އަދި އެ ޓެކްސް ނުނެގުމަށް ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީ އިން ވަނީ ކޮމިޓީގައި އެދިފަ އެވެ. އެ ޖަމްއިއްޔާ އިން ބުނަނީ މި ޓެކްސްގެ ސަބަބުން އިމާރާތް ކުރުމުގެ އަގު ބޮޑުވެ އެކަމުގެ ސަބަބުން ސޯޝަލް ހައުސިންގެ އަގުތައް ބޮޑުވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.