ނިމިދިޔަ އެމްޑީޕީގެ ސަރުކާރަކުން ކަނޑުން އެންމެ ގޯއްޗެއް ވެސް ދީފައި ނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް މިހެން ވިދާޅުވީ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކާ މެދު ހިތްހަމަ ނުޖެހޭތީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ގުޅީފަޅުން ގޯތި ދޫކުރެވޭނެ ދުވަހަކާމެދު މިނިސްޓަރާ ސުވާލުކުރެއްވުމުން ޖަވާބުގައި މިނިސްޓަރު ހައިދަރު ވަނީ މާލޭގެ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ދޫކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައިވަނީ ކަނޑުންނާއި ފަޅުން ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ނާޒިލް ވިދާޅުވީ ކަނޑުން އެންމެ ގޯއްޗެއްވެސް އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައި ނުވާނެ ކަމަށާއިި ފަޅަކީ ވަރަށް ތިލަ ފަޅެއް ކަމަށެވެ.
"ފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއްގެ މަސައްކަތް ކުރަމުން އޭރު އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔަ އިރު އޮތީ. އެ މަސައްކަތް ވެސް ހުއްޓި، ފުށިދިއްގަރު ފަޅަށް މުޅި އަމާޒު ބަދަލުވެ، ރައްޔިތުންނަށް އޭރު ދޫކުރެވިފައިވާ ގޯތިތަކެއް ރައްޔިތުންނާ ހިސާބަށް ނައިސް މެދުކެނޑުނީ،" ނާޒިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި ބިން ހިއްކޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ޖަވާބެއް ނޫން ކަމަށެވެ.
ނާޒިލް ވިދާޅުވީ މި ސަރުކާރަށް އަހަރެއް ފުރަންދާއިރު ރައްޔިތުންނަށް ގޯތި ދިނުމުގައި އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ. އަދި ހުޅުމާލޭގައި ނިމިދިޔަ ސަރުކާރުން އަޅަން ފަށާފައިވާ 4،000 ފްލެޓުތަކަށް އަލުން ހުޅުވާލާ އަޑު އިވޭ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަަމެއް ނޫން،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ފްލެޓްތަކަށް ހުޅުވާލުމަކީ މިހާރުވެސް ފްލެޓް ލިބިފައިވާ ކަމަށް ޔަގީންކަން ދީފައިވާ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.