ސިނަ މާލެ ބްރިޖް

ލޮނުޒިޔާރަތްކޮޅުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

  • ފެމިލީ ކޯޓު ހުންނަ މަގު ޓޫވޭ ކުރާނެ
  • މަގުތައް ބަންދު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ
  • ނުވަ ދުވަސް ތެރޭ އެ މަސައްކަތް ނިންމާނެ

ބްރިޖް އެޅުމުގެ ގޮތުން ލޮނުޒިޔާރަތް ކޮޅުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މާދަމާ މިނިސްޓްރީ އިން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖް އެޅުމަށް ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން، ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު، "އަވަސް" އަށް ވިދާޅުވީ ފެންސް ޖަހައިގެން ބަންދުކުރަނީ ބޮޑުތަކުރުފާނު މަގުގެ ސުނާމީ ބިނާ ހުރި ހިސާބުން ފެށިގެން ދަރުބާރުގެއާ ހަމަޔަށެވެ. ފެންސް ޖެހުމުގެ މަސައްކަތް މާދަމާ ފަށާ އިރު ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްލޭން ކޮށްފައިވާ ގޮތަށް އަންނަ މަހުގެ ފަހުކޮޅު ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ އެވެ.

ސުނާމީ ބިނާ ސަރަހައްދުގައި މާދަމާ ފެންސް ޖެހުމުގެ މަސައްކަތް ފަށާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލު ގެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ފެމިލީ ކޯޓު ހުރި މަގު ޓޫވޭ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބްރިޖަށް މައި މަގުގެ ގޮތުގައި ސެނަހިޔާ ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ހިމެނޭތީ އެތަނުގެ މަގުތަކަށް ވެސް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަސައްކަތް ކުރަނީ މާލޭގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުންޏަކުންނެވެ. އެ ސަރަހައްދުގެ ބައެއް މަގުތަކުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން މީގެ ކުރިން ބުންޏެވެ.

ބްރިޖް މަސައްކަތް ފަށަން ސުނާމީ ބިނާ ރާޅުގަނޑު ސަރަހައްދުން ނެގީ މިދިޔަ ހުކުރު ދުވަހު އެވެ. ސުނާމީ ބިނާ ރާޅުގަނޑު ސަރަހައްދުން ނެގުމަށްފަހު ބަދަލުކުރަން ނިންމާފައިވަނީ މާލެ ހުޅަނގުފަރާތު ތިންރުއް ޕާކު ސަރަހައްދަށެވެ. ތިންރުއްޕާކް މަރާމާތުކުރަން މިހާރު ފަށާފައިވާއިރު ޑިސެންބަރު މަސް ނިމުމުގެ ކުރިން އެތަނުގައި ސުނާމީ ބިނާ ބަހައްޓާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބްރިޖް އެޅުމަށް ހަވާލު ކުރި ކުންފުންޏަށް ބްރިޖް މަސައްކަތް ކުރުމަށް، އަޑިޕާކް ސަރަހައްދު ހުސްކޮށް އެ ކުންފުންޏާ ހަވާލު ކުރަން ޖެހެ އެވެ. އަދި ހުޅުމާލެ އާއި ހުޅުލެއިން ވެސް އެ ކުންފުންޏަށް ވަގުތީ ގޮތުން ބިމެއް ދޭން ޖެހެ އެވެ.