އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން މަޝްވަރާ ކުރީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން ކަމަށާއި އެގޮތަށް މަޝްވަރާކުރި ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅޭގޮތުން މިމަހުގެ 26 ވަނަ ދުވަހު މޭ ހައެއް ކޮމެޓީއާއެކު މަޝްވަރާ ކުރި ކަމަށެވެ.
މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިނިސްޓްރީއިން ބުނީ އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކޮށްފައި ވަނީ ދިވެހި ބަހުން ކަމަށްވެފައި، އެ މާއްދާ ކިޔަވައި ދޭނެ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި އެބަތިބި ކަމަށެވެ.
އެހެންކަމުން އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ނުގެންނާނެ ކަމަށާއި އަދި އިނގިރޭސި ބަހުން ވެސް އެ މާއްދާ ކިޔަވައި ނުދޭނެ ކަމަށެވެ.
މޭ ހައެއް ކޮމިޓީގެ އެ ބައްދަލުވުމާއި ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު ހަސަން އަފީފް ރޭ ވިދާޅުވެފައި ވަނީ ދަރިވަރުން ހަރުކަށި ފިކުރަށް ލެނބޭ ސަބަބުތަކާއި ސުކޫލު ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމާމެދު ވާހަކަ ދެކެވެނު ކަމަށާއި ޒުވާން ސިކުނޑިތައް ބަދަލު ކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ވެސް ފާހަގަކުރި ކަމަށެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
މެއި ހައެއް ކޮމެޓީން ކޮންމެ ހަފުތާއަކު ވެސް ގެންދަނީ އިސްލާމް މާއްދާއާ ގުޅުވައި ނުވަތަ އިސްލާމް ކިޔަވައިދޭ ޓީޗަރުންނާއި ގުޅުވައި ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ނެޝަނަލް ޔުނިވާސިޓީގެ ދަރިވަަރުންގެ މެދުގައި ހަރުކަށި ފިކުރު އެބައޮތް ކަަމަށް އެއް ފަހަރު ވިދާޅުވިއެވެ. އަދި މިދިޔަ ހަފްތާގައި ބުނެފައިވަނީ އިސްލާމް ކިޔަވައިދޭ ޓީޗަރުން ދަރިވަރުން ހަރުކަށި ފިކުރަށް އަބުރަމުންދާ ކަަމަށެވެ.