ނަފުރަތު އުފައްދަން މަގުފަހިވާ ގޮތަށް އިސްލާމް ފޮތްތަކުގައި ހުރި ލިޔެކިޔުންތައް ބަދަލު ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލާ ދީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" އިން ބުނެފި އެވެ.
އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ 181 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އަފީފު ވިދާޅުވީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެ ކޮމެޓީގެ މެންބަރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ބައްދަލު ކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ދަރިވަރުން ހަރުކަށި ފިކުރަށް ލެބޭ ސަބަބުތަކާއި ސުކޫލު ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމާމެދު ވާހަކަ ދެކެވެނު ކަމަށާއި ޒުވާން ސިކުޑިތައް ބަދަލުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރި ކަމަށެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ އެކަންކަން ހުއްޓުވަން ކަރިކިއުލަމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔެކިޔުންތައް މިހާރު ބަދަލު ކުރަމުންދާ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެއީ އެ ފޮތްތަކުގައި ހުރި ކޮންކޮން ލިޔުންތަކެއް ކަމަށް ވިދާޅެއް ނުވެއެވެ.
"ސުކޫލު ކުދިންނަށް އަމާޒުކޮށް އެކިއެކި ހަރުކަށި ފިކުރުގެ އަދި އެހެންވެސް ފަރާތްތަކުން މި ދެންނެވީ 'ޔަންގް މައިންޑް' ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކި ފަރާތްތަކުން ފާހަގަކުރާ ކަަމަށް އަޅުގަނޑުމެން ފާހަގަކުރިން. އަދި މިކަންތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނަށް ވެސް ފާހަގަ ކުރެވިފައިވާ ކަންތައްތަކެއް ކަަމަށް އެ ބޭފުޅުން ވިދާޅުވަނީ. އާދެ، މިނިސްޓަރު ވިދާޅުވާ ގޮތުގައި އެ ބޭފުޅުން ކަރިކިއުލްވެސް ވަޑައިގަންނަވަނީ ރިވިއު ކުރައްވަމުން. އެގޮތުން އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔެކިޔުންތައް ދަނީ ބަދަލުކުރަމުން،" ހަސަން އަފީފް ވިދާޅުވިއެވެ.
މެއި ހައެއް ކޮމެޓީން ކޮންމެ ހަފްތާއަކުވެސް ގެންދަނީ އިސްލާމް މާއްދާއާ ގުޅުވައި ނުވަތަ އިސްލާމް ކިޔަވައިދޭ ޓީޗަރުންނާއި ގުޅުވައި ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ނެޝަނަލް ޔުނިވާސިޓީގެ ދަރިވަަރުންގެ މެދުގައި ހަރުކަށި ފިކުރު އެބައޮތް ކަަމަށް އެއް ފަހަރު ވިދާޅުވިއެވެ. އަދި މިދިޔަ ހަފްތާގައި ބުނެފައިވަނީ އިސްލާމް ކިޔަވައިދޭ ޓީޗަރުން ދަރިވަރުން ހަރުކަށި ފިކުރަށް އަބުރަމުންދާ ކަަމަށެވެ.