ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ން ބުނެފި އެވެ.
އެމްޑީޕީގެ ގަައުމީ މަޖިލީހުގައި އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް މިނިސްޓަރު ސާފު ކޮށްދެއްވި ކަމަށެވެ.
އަފީފު ވިދާޅުވީ މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
އަފީފު ވިދާޅުވި ގޮތުގައި މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ހަރުކަށި ފިކުރު ފަތުރާ މީހުން ހާއްސަ ޓާގެޓެއް ދިރިއުޅުން ނިކަމެތިކޮށް ހުންނަ ކުދިންނަށް ކުރާ ކަމަށް ވެސް އެޑިއުކޭޝަނުން ފާހަަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ކަރިކިއުލަމަށް ބަދަލު ގެނެސް އިސްލާމް މާއްދާގައި ހުރި ނަފުރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލު ކުުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަަމަށް ވެސް އަފީފް ވިދާޅުވި އެވެ. އޭގެ ތަފްސީލެއް ނުދެއްވާ އަފީފް ވިދާޅުވީ މިނިސްޓްރީން މިހާރު ވިސްނަވާ އެއްކަމަކީ އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމެވެ. ނަމަވެސް އެއީ ވަކި އަދަދަކަށެވެ.
"މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްދެން ކުދިންނަށް އުނގަންނައިދިނުމަށް،" ހަސަން އަފީފް ވިދާޅުވި އެވެ.
މި ފަހުންވެސް ކެރެލާއިން ގުރުއާން ޓީޗަރުންނާއި އަރަބި މުދައްރިސުންގެ ރާއްޖެ ގެނައި މައްސަލަ ވަނީ ހޫނުވެފަ އެވެ. މިފަހަރުވެސް މި ވާހަކަތައް އެމްޑީޕީން މި ހާމަކުރީ ސަރުކާރުން މިފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވަނީހެވެ.
ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ކުރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޮގަސްޓް 18 ވަނަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި އަފީފު ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް ސުކޫލު ދަރިވަރުންނާއި ޒުވާނުން އެ ފިކުރުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ. އަފީފު ވިދާޅުވީ ބައެއް ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ބައެއް ސުކޫލުތަކުގައި އަދި ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އިސްލާމް ޓީޗަރުން ގޮތުގައި މިދާ ފަރާތްތަކުން ދަރިވަރުންނަށް ދޭ މައުލޫމާތަކީ މި ދެންނެވި މަގަށް [ހަރުކަށި ފިކުރު] އެކުދިން އެނބުރިދާނެ މައުލޫމާތުތަކެއް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދޭތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ސުކޫލު ދައުރުގައި އިސްލާމް ޓީޗަރުންނަށް ފޮނުވާ ފަރާތަކީ މިދެންނެވި ފަދަ ހަރުކަށި ފިކުރުގެ ނޫން ބަޔަކަށްވުން،"
އަފީފު ވިދާޅުވީ މި ކަންބޮޑުވުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއެކު ބޭއްވެވި ބައްދަލްވުމުގައި ވެސް ފާޅު ކޮށްފައި ވާނެ ކަމަށެވެ. އަދި އެކަންބޮޑުވުންތަކާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި ކަމަށެވެ.