މޯލްޑިވްސް ޕޮލިސް ސާވިސް

އެކައުންޓްތަކަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ވަގަށް ނަގައިފި

އާސަންދާ އޮފީހުން ކަމަށް ބުނެ ބައެއްގެ އަތުން 100،000 އަކަށް ވުރެއް ގިނަ ރުފިޔާ އެކައުންޓު ތަކުން ވަގަށްނަގައިފި އެވެ.

ފުލުހުން ބުނީ އުތުރުގެ އަތޮޅެއްގެ ރަށަކުން ބަޔަކު މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 80،000 ރުފިޔާ އާއި ހަމަ އެހެން މީހެއްގެ އެކައުންޓުން 20،000 އަދި ތިން ވަނަ މީހާގެ އެކައުންޓުން 6000 ރުފިޔާ ވަގަށްނަގައިފާވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަން ހިނގައި ދިޔައީ ނުދަންނަ ނަމްބަރަކުން އާސަންދަ އޮފީހުގެ ނަމުގައި އެމީހުނަށް ގުޅައި އާސަންދައިން ބޭސްފަރުވާ އަށް ކަނޑައެޅިފައިވާ ފައިސާ ބޭނުން ނުކޮށް ހުރުމާއެކު އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްދޭނެކަމަށްބުނެ ބެންކް ކާޑުގެ މައުލޫމާތު ހޯދައި ކާޑުގެ ވެރިފަރާތުގެ އެކައުންޓުގައި ހުރި ފައިސާތަށް ވަގަށް ނެގީ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިފަދަ ގޮތަކަށް އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ނެގުން އިތުރުވެފައިވާއިރު އެމައްސަލާގައި ގިނަ ފަހަރަށް ރިޕޯޓުކޮށްފައިވަނީ އެކި ކުންފުނިތަކުގެ ނަމުގައާއި ޕްރޮމޯޝަނެއްގެ ގޮތުގައި ނުވަތަ މާލީ މަންފާ ލިބޭނެ ގޮތްތައް ބުނެދީގެން ކަމަށް ފުލުހުން ފާހަގަކުރި އެވެ.

އެހެއްކަމުން މިފަދަ ކަންތަކަށް ސަމާލުކަން އިތުރުކޮށް ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ މިފަދަ މުއާމަލާތްތައް ނުހިންގުމަށާއި ބެންކުން އެމީހަކަށް ލިބިފައިވާ ކްރެޑިޓް ކާޑާ ޑެބިޓް ކާޑުގެ އެއްވެސް ނަމްބަރެއް އިތުބާރާނެތް ފަރާތަކަށް ނުދިނުމާށާއި އަދި ނުދަންނަ ނަމްބަރުން ގުޅައި ކާކުކަން ކަށަވަރުނުވާ އެއްވެސް މީހަކަށް ރޯލޯޑް ކޮށްދީ ރާސްޓަސް ފޮނުވައިނުދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.