ރައީސް އަބްދުﷲ ޔާމީން

ޔާމީން މިނިވަންކޮށް ގެއްލުމުގެ ބަދަލު ހޯދަން ގަރާރެއް ފާސްކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް ޝަރުތަކާއިނުލާ މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލްވުމުގައި ގަރާރެއް ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފައެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލްވުމެއް މިރޭ ވަނީ ބާއްވާފައެވެ. ބައްދަލްވުމަށް ވަނީ ރައީސް ޔާމީން އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ހުށައަޅާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން މިރޭ ހުށައެޅި ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއް ކަމަށް އެ ކޯލިޝަނާއި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނިކޮށް މިއަދު އާންމުވެފައިވާ އޯޑިއޯތަކުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކ އެ ހުކުމަކީ ގަދަބާރުން އެ ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިފައިވާ ހަމަ ހަގީގަތުގައިވެސް ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުންވެސް ގަބޫލު ކުރާކަން މިއަދު ވަނީ ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަލީހަތްވެފައި ކަމަށެވެ. އެހެން ކަމުން އެ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއްކަން ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ބުނަމުން ދާތީ އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ރައީސް ޔާމީން އެއްވެސް ޝަރުތަކާއިނުލާ މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މި ގަރާރަށް އިތުރު އިސްލާހެއް ވަނީ ހުށައަޅާފައެވެ. އެއީ ރައީސް ޔާމީނަށް ނަފްސާނީ ގޮތުން ލިބިވަޑައިގެންފައިވާ ގެއްލުންތަކަށާއި އަދި އިދިކޮޅު ލީޑަރުގެ ޒިންމާ އަދާކުރެއްވުމުގައި ކުރިމަތިކުރުވި ހުރަސްތަކާއި ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލުމަށެވެ. މި އިސްލާހާއެކު ގަރާރު ފާސްކުރީ ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ނަމަވެސް އެއީ ކިތައް މެންބަރުން ކަމެއް ރިޔާސަތުން އިއުލާނެއް ނުކުރެއެވެ.