ދިވެހި ސިނަމާ

ޔޫއްޕެއާ ޝަފީގު ގެނެސްދެނީ "ގިރިދަ"

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން އާ ވެބް ސީރީޒެއް ގެނެސް ދޭން ނިންމައިފި އެވެ. ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ސްޓޫޑިއޯ ގުޅިގެން މިފަހަރު ގެނެސްދޭނީ "ގިރިދަ" ނަމުގައި ގެނެސްދޭ ސީރީޒެކެވެ.

މިއީ ހެއްވާ މަޖާ އެތައް ކަމެއް ހިމެނޭ ކޮމެޑީ ވެބް ސީރީޒެކެވެ. ވެބް ސީރީޒް ގެންނަކަން އިއުލާނު ކުރުމާއެކު ވެބް ސީރީޒްގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

ޓްރެއިލާއިން ހެއްވާ މަޖާ އެތައް ކަމެއް ފެނިގެން ދެއެވެ. އެގޮތުން ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ބައެއްގެ ތެރޭގައި ހިނގާ ތަފާތު ކަންކަން ފެނިގެންދެ އެވެ.

އާ ވެބް ސީރީޒްއާ ގުޅޭގޮތުން ޔޫއްްޕެ ބުނީ މިއީ ތަންކޮޅެއް ތަފާތު ކޮމެޑީއަކަށް ވެގެން ދާނެ ކަމަށެވެ. އެގޮތުން ސިޓްކޮމް އަދި އާންމު ކޮމެޑީތަކުގެ ރަހަ މި ވެބްސީރީޒްގައި ހިމެނިގެން ދާނެ ކަމަށެވެ.

މީޑިއާ ނެޓް މެދުވެރިކޮށް ގެނެސްދޭން ނިންމާފައިވާ މި ވެބް ސީރީޒްގައި ގިނަ ތަރިންތަކެއް ފެނިގެން ދާނެ އެވެ. އެގޮތުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންޔަ) އާއި އަހުމަދު އަހުމަދު ޒިޔާ އަދި ފާތިމަތު ނޫރާ ފެނިގެންދާނެ އެވެ. ވަރަށް ގިނަ އައު ތަރިން ވެސް މި ވެބް ސީރީޒް އިން ފެނިގެންދާނެ އެވެ.