ވިޔަފާރި

ޝަރަފުއްދީން ސްކޫލުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިރާގުން ބޮޑު އެހީއެއް

Nov 25, 2015
2

ސ.ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްލައްކަ ރުފިޔާ އަށްވުރެ ގިނަ ސާމާނު ދިރާގުން ހަދިޔާކޮށްފި އެވެ.

ޝަރަފުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެހީ އެ ސްކޫލާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.

ދިރާގުން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ޝަރަފުއްދީން ސްކޫލްގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުރެވިގެން ހިންގާ " އައްނޫރު ސެންޓަރު"ގައި ކިޔަވައިދިނުމަށް ބޭނުންވާ، 100،000ރ ގެ އަގުހުރި މުހިންމު ވަސީލަތްތައް ހިމެނެ އެވެ. ހަދިޔާކުރި ތަކެތީގެ ތެރޭގައި ސެރެބްރަލް ޕަލްސީ ޗެއަ އާއި ވޯކިންގ އެއިޑް، ކޮމްޕިއުޓަރު ސިސްޓަމާއި ތެރަޕީ ބޯލްސް، ފްލޯ މެޓް އަދި ވާހަކަ ފޮތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕެޝަލް ނީޑްސް ކީބޯޑު ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މި އެހީ ދިރާގުން ދީފައިވަނީ ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވާއިރު މިކަމަކީ މި ޒިންމާގެ ދަށުންނެވެ. ދިރާގުން މުހިންމު ގިނަ ސާމާނުތަކެއް ހަދިޔާކުރި ސެންޓަރުގައި ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ 30 ހަކަށް ކުދިންނަށް ހިދުމަތް ދެމުންދެ އެވެ. އަދި މި ކުދިންނަށް ކިޔަވައިދިނުމުގައި ހަތަރު ދާއިމީ ޓީޗަރުންނާއި ވަގުތީ ހަތަރު ޓީޗަރުންގެ އިތުރުން ކޯޑިނޭޓަރުވެސް ހަރަކާތްތެރިވެ އެވެ.

ދިރާގުން ބުނީ މި ހަދިޔާކުރެވުނު ތަކެއްޗަކީ މި ސެންޓަރު ހިންގުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަސީލަތްތަކެއް ކަމަށާއި، މި ތަކެއްޗަކީ މިކުދިންނަށް ކިޔަވައިދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ވަސީލަތްތަކަކަށް ވާނެ ކަމަށެވެ.