ލަ ލީގާ

ގެޓަފޭ އަތުން ބާސާއަށް ހަނި މޮޅެއް

ލަލީގާގައި ރޭ ބާސެލޯނާ އާއި ގެޓަފޭ ބައްދަލުކުރި މެޗުން ބާސެލޯނާއަށް ހަނި މޮޅެއް ލިބިއްޖެ އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގަ އެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބާސާ ޓީމުންނެވެ. ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ޖޯޑީ އަލްބާ ނަގައި ދިން ހުރަހަކުން ބާސާއަށް ގޯލު ކާމިޔާބު ކޮށްދިނީ ސާޖީ ރޮބާޓޯ އެވެ. ނަމަވެސް މާ ގިނައިރެއް ނުވަނީސް ގެޓަފޭއިން ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ގޯލަކީ ކާލެސް އަލޭނާ އާއި ސަންޑްރޯ ރަމިރޭޒްގެ ވަރަށް ރީތި ވަންޓޫ ޕާހަކަށް ފަހު ސަންޑްރޯ ކާމިޔާބު ކުރި ގޯލެކެވެ.

އޭގެ ފަހުން ބާސާއިން އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނެގީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ހަނި އޭންގަލުން އޭރިއާ ތެރެއަށް ވަނުމަށްފަހު މެމްފިސް ޑިޕާއީ ކާމިޔާބު ކޮށްދިން ގޯލެކެވެ. ޑިޕާއީ ބާސާ އާއި ގުޅުނީ މިސީޒަނުގަ އެވެ. އޭނާ ވަނީ ބާސާ އާއި ގުޅުނު ފަހުން މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލު ތަކެއް ޖަހާފަ އެވެ.

މި މެޗުގައި ބާސާގެ ގޯލު ބެލެހެއްޓުމުގައި އެޓީމުގެ ކީޕަރު ވަނީ ވަރަށް ރަނގަޅު ދައުރެއް އަދާކޮށްފަ އެވެ. އިދިކޮޅުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާ ތަކެއް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ. އަނިޔާގެ ސަބަބުން ލަލީގާގައި ބާސާ ކުޅުނު ފުރަތަމަ ދެ މެޗުގައި ޓާސްޓޭގަން ނުކުޅެ އެވެ. މިއީ މި ސީޒަނުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ކުޅުނު އެންމެ ފަހު މެޗުގައި ބާސާއިން މި ހޯދި މޮޅާއެކު އެޓީމަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ސޮސައިޑާ އަތުން ބާސާ މޮޅުވި އިރު ދެވަނަ މެޗުގައި އެތުލެޓިކް ކްލަބާއި އެއްވަރު ކުރެވުނީ ހަމަ ކިރިޔާ އެވެ. އެހެން ކަމުން ރޭގެ މެޗު ކާމިޔާބު ކުރުން އެމީހުންނަށް އޮތީ ވަރަށް މުހިންމު ވެފަ އެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ގްރަނާޑާ އަތުން ރާޔޯ ވައެކާނޯ މޮޅުވީ 4-0 އިންނެވެ. އަދި ކާޑިޒް އަތުން އޮސަސޫނާ 3-2 އިން މޮޅުވި އިރު، އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.